ވޯލްޑް ކަޕްގެ ތާރީޚުގައި މިހާތަނަށް އެންމެ ދިގު ހާފް ޓައިމް ޝޯއެއް، މި ފަހަރުގެ ފައިނަލްގައި!

ވޯލްޑް ކަޕްގެ ތާރީޚުގައި މިހާތަނަށް އެންމެ ދިގު ހާފް ޓައިމް ޝޯއެއް، މި ފަހަރުގެ ފައިނަލްގައި!

Author
އަހުމަދު
19 ޖުލައި 2026 03:54
0

ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާ ފީފާ ވޯލްޑް ކަޕް 2026ގެ ފައިނަލް މެޗުގެ ހާފް ޓައިމް، މުބާރާތުގެ ތާރީޚުގައި ވެސް އެންމެ ދިގުވެގެންދާ ހާފް ޓައިމް ކަމަށްވުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅޭ މި މެޗުގެ ހާފް ޓައިމް ދިގުވަނީ، އެމެރިކާގެ "ސުޕަ ބޯލް" ޝޯތަކާ އެއްފަދަ ފެންވަރެއްގައި 11 މިނެޓުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ބާއްވަން ފީފާ އިން ނިންމުމާ ގުޅިގެންނެވެ. މި ޝޯގައި ދުނިޔޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ މެޑޯނާ، ޝަކީރާ، ޖަސްޓިން ބީބަރ އަދި ދެކުނު ކޮރެއާގެ މަޝްހޫރު ބޭންޑް ބީޓީއެސްގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ.

ފީފާ އިން ކުރިން ބުނެފައި ވަނީ ހާފް ޓައިމް ޝޯއަށް 20 މިނެޓު ހޭދަވާނެ ކަމަށެވެ. ނަމަވެސް ޝޯއަށް ބޭނުންވާ ސާމާނުތައް ދަނޑު މައްޗަށް ނެރެ އަތުރައި، ޝޯ ނިމުމުން އެ ތަކެތި ބޭލުމަށް ހޭދަވާ ވަގުތާ އެކު، ހާފް ޓައިމް 25 މިނެޓަށް ވުރެ ދިގުވުމުގެ ފުރުސަތު އެބައޮތެވެ. މީގެ ސަބަބުން، ދެ ވަނަ ހާފުގެ ކުޅުން ފެށުމުގެ ކުރިން ކުޅުންތެރިން އަލުން ވޯމް އަޕް ހަދަން ޖެހުމަކީ ވެސް ގާތް ކަމެކެވެ.

ފުޓުބޯޅައިގެ ގަވާއިދުތައް ކަނޑައަޅާ ބޯޑު، އައިއެފްއޭބީގެ ގަވާއިދު ބުނާ ގޮތުން މެޗެއްގެ ހާފް ޓައިމް ބްރޭކް 15 މިނެޓަށް ވުރެ ދިގުވެގެން ނުވާނެ އެވެ. އެހެންނަމަވެސް، މިދިޔަ އަހަރު ނިއު ޖާޒީގައި ބޭއްވި ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ވެސް، ކޯލްޑްޕްލޭ އާއި ޖޭ ބަލްވިން ފަދަ ފަންނާނުންގެ ހުށަހެޅުންތަކާ ގުޅިގެން ހާފް ޓައިމް 24 މިނެޓަށް ދިގުވެގެން ދިޔަ އެވެ.

މީގެ އިތުރުން، މެޗު ފެށުމުގެ ކުރިން އެމެރިކާ ގަޑިން މެންދުރު ފަހު 13:30ގައި ފައްޓާ ރަސްމިއްޔާތުގައި ވެސް ވަރުގަދަ ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ. އެމެރިކާގެ ގައުމީ ސަލާމް ހުށަހަޅައިދޭނީ ޖެނިފާ ހަޑްސަން އެވެ. އަދި މި ރަސްމިއްޔާތުގައި ޓޮމް ކްރޫޒް، ލައުރާ ޕައުސިނީ، ނިކޯލް ޝާޒިންގާ، ރޮބީ ވިލިއަމްސް އަދި އައިޝޯ ސްޕީޑް ފަދަ މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.