އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ބޭނުން ނުކުރި ކަމަށް ބުނާ ކަސްޓަމަރުންގެ ކާޑުތަކުން ފައިސާ ކެނޑިފައިވާކަން ދައްކާ މެސެޖުތައް ލިބެމުންދާ މައްސަލައަކީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސާވާ މެއިންޓަނަންސްގެ ސަބަބުން ކުރީގެ ދަތުރުތަކުގެ މުއާމަލާތްތައް ލަހުން ޕްރޮސެސްވުމުގެ ނަތީޖާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ގިނަ ކަސްޓަމަރުންތަކެއް ވަނީ އެ މީހުން އާރްޓީއެލްގެ ޚިދުމަތް ބޭނުން ނުކުރި ދުވަސްތަކުގައި ވެސް، ފެރީގެ ދަތުރަކަށް 3.25 ރުފިޔާ ކެނޑިފައިވާ ކަމުގެ އެސްއެމްއެސްތައް ބީއެމްއެލުން ލިބެމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ޝަކުވާ ފާޅުކުރި މީހުންގެ ތެރޭގައި ދާދިފަހުން ފެރީގެ ޚިދުމަތް އެއްގޮތަކަށް ވެސް ބޭނުން ނުކުރާ މީހުންނާއި، ރާއްޖެއިން ބޭރުގައި ތިބި ފަރާތްތައް ވެސް ހިމެނެއެވެ.
ފޭސްބުކްގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މިއަދު ވެސް އަދި ފަހަކަށް އައިސް ވެސް އޭނާ އާރްޓީއެލްގެ ޚިދުމަތް ހޯދާފައި ނުވި ނަމަވެސް، މިއަދު އެ ޚިދުމަތަށް 3.25 ރުފިޔާ ކެނޑިފައިވާކަން އަންގައި ބޭންކުން މެސެޖެއް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ ދުވަސްތަކެއް ވަންދެން ތަކުރާރުވަމުން އަންނަ ކަމެއް ކަމަށާއި، ހައްލެއް ނުލިބި ކާޑުތަކުން ކެނޑޭ ފައިސާގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
"މިއީ ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ތަކުރާރުވަމުން އަންނަ ކަމެއް. މާލޭގައި ހުއްޓަސް ރާއްޖެއިން ބޭރުގައި ހުއްޓަސް، އެއްވެސް ދަތުރެއް ނުކުރިޔަސް ހަމަ ކަނޑާވަރުން އެބަ ކަނޑާ،" ސޯޝަލް މީޑިއާގައި މީހަކު ކޮށްފައި ހުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެމްޓީސީސީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، އާރްޓީއެލްގެ ޕޭމަންޓް ކަލެކްޝަނަށް ބޭނުންކުރާ ބީއެމްއެލްގެ ސާވާގައި މެއިންޓަނަންސް މަސައްކަތެއް ކުރެވިފައިވާ ކަމަށާއި، އޭގެ ސަބަބުން ކުރިން ކޮށްފައިވާ ދަތުރުތަކުގެ މުއާމަލާތްތަކާ ގުޅޭ މެސެޖުތައް ކަސްޓަމަރުންނަށް މިހާރު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މި މަހުގެ 16 ވަނަ ދުވަހު އެ ކުންފުނިން ނެރެފައިވާ ބަޔާނުގައި ވެސް މި މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި ބީއެމްއެލުން ވެސް ވަނީ މިކަމަށް ކަސްޓަމަރުން ސަމާލުވުމަށް އެދިފައެވެ.
މި މައްސަލައިގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މާފަށް އެދިފައެވެ. އަދި މި ކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާރްޓީއެލް ފެރީގެ ޚިދުމަތަކީ ރާއްޖޭގެ އެކި ސަރަހައްދުތައް ހައި-ސްޕީޑް ފެރީތަކުން ގުޅާލުމަށް އެމްޓީސީސީން ދެމުން އަންނަ ޚިދުމަތެކެވެ. މި ޚިދުމަތް މިހާރު 12 އަތޮޅަކަށް ދަނީ ފޯރުކޮށްދެމުންނެވެ.
ކޮމެންޓު ފޮނުވާ