ރާއްޖެއަށް 1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، އުމުރުން 29 އަހަރުގެ އާމިނަތު ރޫނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ހައްޔަރު ކުރި ރޫނާގެ ބަންދުގެ މުއްދަތު މީގެ ކުރިން އެކި ފަހަރު މަތިން އިތުރު ކުރުމަށް ފަހު، ތިން މަސް ފަހުން މިއަދު ވަނީ "ވާނުވާ" ބަންދަށް ބަދަލުކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނާ ގޮތުގައި، މި މައްސަލައިގައި އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ ރޫނާއެވެ. ރޫނާގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރުކުރި މީހަކު ގެނައި ލަގެޖަކުން 1.5 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް ތުހުމަތު ކުރެއެވެ. ފުރަތަމަ ނެރުނު ބަންދު އަމުރުގައި ވަނީ، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަން 1.8 ކިލޯއަށް އަރާ ކަމަށް ބުނެފައެވެ.
ރޫނާއާއެކު މި މައްސަލައިގައި، އުމުރުން 25 އަހަރުގެ ޢަލްޔާ ޝަރްސާ ނަޞީރު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. ޢަލްޔާ ކޯޓުގައި ބުނެފައި ވަނީ، ރޫނާ އޭނާ "ގުރޫމް" ކުރި ކަމަށެވެ. އަދި ޢަލްޔާއަކީ ޑިޕްރެޝަނަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށް އޭނާގެ ކުރީގެ ބަންދު ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.
ފުރަތަމަ ކޯޓަށް ހާޒިރު ކުރި ދުވަހު، ރޫނާގެ ދިފާއުގައި ފުލުހުންގެ ބޮޑީކޭމްގެ ރިކޯޑިން ހޯދުމަށް ވަނީ އެދިފައެވެ. މި ދެ މީހުންގެ މައްޗަށް ކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި، އެ ތަކެތި ބޭނުން ކުރުމާއި، ގެންގުޅުމާއި، ވިޔަފާރި ކުރުމާއި، ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން، އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެ ކުރުމާއި ބޭރު ކުރުމަކީ ބޮޑު ކުށެކެވެ. މި ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު، 100،000 ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ.
ކޮމެންޓު ފޮނުވާ