އެމްޕީއެލް ސަރަހައްދުގައި ބިއްލޫރި ޕެލެޓެއްގެ ދަށުވެ އަނިޔާވިމީހާ، ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
އެމްޕީއެލް ގައި ބިއްލޫރި ޕެލެޓެއް ވެއްޓި ދެމީހަކަށް އަނިޔާވި ހާދިސާ ހިގީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ގައެވެ. މި ހާދިސާގައި އެންމެބޮޑު އަނިޔާއެއް ލިބުނު މީހާ ވަނީ ބިއްލޫރި ޕެލެޓާއި ކޮންޓެއިނާ އާ ދެމެދު ތާށިވެފައެވެ. އޭނާ އެތަނުން ނެރެވުނީ އެމްއެންޑީއެފްގެ ރެސްކިއު ޓީމުގެ މަސައްކަތުންނެވެ. އެމްއެންޑީއެފުން އޭރު ބުނެފައިވަނީ އެމީހާ ތާވެފައިވަނި އެމްޕީއެލް ސަރަހައްދުގައި އަރިއަޅާލައިގެން ވެއްޓުނު ބިއްލޫރި ޕެލެޓެއްގެ ތެރޭގައި ކަމަށެވެ. މިހާދިސާގައި ނިޔާވެފައިވަނީ ނ.ލަންދޫ އުމުރުން 27 އަހަރުގެ ޢަބްދުﷲ އާސިމް އެވެ. ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
އައިޖީއެމްއެޗުން ވިދާޅުވީ ފަރުވާދެމުންދަނިކޮށް އޭނާ ނިޔާވީ ރޭ ފަތިރު 05:00ގެ ފަހުންކަމަށެވެ. އޭނާއަށް އެންމެފަހުން ދިން ފަރުވާގެ ތަފްސީލު ލިބިފައި ނުވިނަމަވެސް އެހާދިސާއާއި ގުޅިގެން ފަރުވާދެމުންދިޔައީ ލިބުނު ފްރެކްޗަރއަކަށް ކަމަށް އައިޖީއެމްއެޗުން ކުރިންވަނީ ހާމަކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި އޭނާގެ ބުރަކަށީގެ ބައެއް ކަށިތަކުގައިވަނީ ރެނދުލާފައެވެ.

އަދި އެރޭ މިހާދިސާގައި އެކި ވަރުގެ އަނިޔާލިބިގެން އިތުރު މީހަކުވެސް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.
މިހާދިސާއާއި ގުޅިގެން ފަހުން އެމްޕީއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ޙާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކްލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ. މި ޙާދިސާގައި، ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުންދިޔަ މަޖޫރިއެއް ވަނީ ޕެލެޓްގެ އަރިމަތީގައި ތާށިވެފައިކަމަށެވެ. އަދި ދެވަނަ މަޖޫރިއަކަށް ވެސް މި ޙާދިސާގައި އަނިޔާވެ، އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނު ކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
އަދި މި ހާދިސާ ތަހުގީގްކޮށް، މި ފަދަ ކަމެއް ތަކުރާރުވެނުދިއުމަށް، ކުންފުނިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެމްޕީއެލްއިން ބުނެފައިވެއެވެ. މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ތަނަކަށްވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުންފުނިން ބޮޑު އަހައްމިއްޔަތެއް ދެމުން ދާކަމަށާއި، މަދުން ނަމަވެސް، މި ފަދަ ހާދިސާތައް މާލޭ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހިނގުމަކީ ކުންފުނިން ހިތާމަކުރާ ކަމެއްކަމުގައި އެމްޕީއެލްއިން މިހާދިސާއަށް ފަހު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ