އެފޯޑަބަލް އޯނާޝިޕް ހޯމް މޮޑެލްގެ ދަށުން، މެދުފަންތީގެ އާއިލާތަކަށް އަމާޒުކޮށްގެން 1،000 ފްލެޓު އިމާރާތްކުރުމަށް ދިވެހި ފަސް ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއު ހަވާލުކުރީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ދެ ޖޮއިންޓް ވެންޗާ ޕާޓްނާޝިޕަކާ އެވެ. އެ ދެ ޕާޓްނާޝިޕަކީ ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑާއި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޕާޓްނާޝިޕާއި، ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއި، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑާއި، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޕާޓްނާޝިޕެވެ.
މި މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކުން 200 ފްލެޓު އަޅާނެ ކަމަށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރެއިން 60 ޔުނިޓަކީ ދެ ކޮޓަރީގެ ފްލެޓު ކަމަށާއި، ބާކީ 140 ޔުނިޓަކީ ތިން ކޮޓަރީގެ އެޕާޓްމަންޓު ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދިނެވެ.
އެ ފްލެޓުތައް ވިއްކުމުގައި ސަރުކާރުން ވަނީ ކޮންޓްރޯލް އަގެއް ކަނޑައަޅައިފަ އެވެ. އެގޮތުން ދެ ކޮޓަރީގެ ފްލެޓެއް ވިއްކޭނީ 1.8 މިލިއަން ރުފިޔާ އަށެވެ. އަދި ތިން ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ އެވެ.
މި މޮޑެލްގެ ދަށުން މީގެ ކުރިން ވެސް ސަރުކާރުން ވަނީ ގިނަ ބިންތަކެއް ތަރައްގީކުރުމަށް އެކި ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. އެގޮތުން ހުޅުމާލޭ ފޭސް 1 ގައި ތިން ބިމެއް ހަވާލުކޮށްފައި ވަނީ ދިވެހި ކުންފުންޏަކާ އެވެ. ފޭސް 2 ގައި ބިންތަކެއް ދީފައި ވަނީ ޗައިނާގެ ދެ ކުންފުންޏަކަށެވެ. އަދި ވިލިމާލޭން ދިވެހި ކުންފުންޏަކަށް ވެސް ބިމެއް ވަނީ ހަވާލުކޮށްފަ އެވެ.
ޖުމުލަކޮށް މި މަޝްރޫއުގެ ދަށުން ހުޅުމާލެ އާއި ވިލިމާލޭގައި 3،260 ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.
ކޮމެންޓު ފޮނުވާ