ކުވައިތުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ލޮޖިސްޓިކް މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފިއެވެ.
އީރާނުގެ ފާސް ނޫހަށް އެ ގައުމުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދިން ގޮތުގައި، މި ހަމަލާތައް ދިނުމުގެ މައިގަނޑު މަގުސަދަކީ އެ ގައުމުގެ އަސްކަރީ ބާރު ސަރަހައްދަށާއި ދުނިޔެއަށް ދައްކާލުމެވެ. އެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތާރީޚާއި ރައްޔިތުންގެ ތާއީދާއި ހަނގުރާމައިގެ ތަޖުރިބާއަށް ބުރަވެ، ކޮންމެ ފިއްތުމަކާއި ބިރުދެއްކުމަކާ ދެކޮޅަށް ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ. އަދި އެ ގައުމުގެ އަސްކަރިއްޔާއަކީ ކޮންމެ ވަގުތެއްގައި ވެސް ދޭ ހަމަލާތަކަށް ރައްދު ދިނުމަށް ތައްޔާރަށް އޮތް ބާރުގަދަ ލަޝްކަރެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާއިން ވެސް އަދި ކުވައިތު ސަރުކާރުން ވެސް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، މިއީ މެދުއިރުމަތީގެ މަޝްރަހު އިތުރަށް ގޯސްވެ، ސަރަހައްދީ ހަނގުރާމައަކަށް މަގުފަހިވެދާނެ ފަދަ ނުރައްކާތެރި ފިޔަވަޅެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ. އަދި މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ފުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ