އެމްއެންޑީއެފްގެ އާ ދެ ބެޗެއްގެ ދަރިވަރުން ސިފައިންގެ ހުވާކޮށްފި

އެމްއެންޑީއެފްގެ އާ ދެ ބެޗެއްގެ ދަރިވަރުން ސިފައިންގެ ހުވާކޮށްފި

Author
އަހުމަދު
16 ޖުލައި 2026 09:48
0

ދިވެހި ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި ދަރިވަރުން ސިފައިންގެ ހުވާކޮށް، ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ކ. ގިރިފުށީގައި މިއަދު ބާއްވައިފި އެވެ.

ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ތަމްރީން ފުރިހަމަކުރި ދަރިވަރުންނަށް ސިފައިންގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދު އެވެ. ހުވާކުރެއްވި ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް މުޢިއްޒު އެވެ.

މި ދެ ބެޗުގެ ތަމްރީނު ކުރިއަށްގެންދިޔައީ 2026 ވަނަ އަހަރުގެ މާރިޗު 7 އިން ޖޫން 11 ގެ ނިޔަލަށެވެ. 72 ވަނަ ބެޗު ތަމްރީނުކުރީ އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ޓްރެއިނިންގ ސެންޓަރުގައި ކަމަށާއި 73 ވަނަ ބެޗު ތަމްރީނުކުރީ ކ. ގިރިފުށީގައި ކަމަށް ސިފައިން ބުނެ އެވެ. މި ކޯހުގެ އަމާޒަކީ ސިފައިންގެ ޚިދުމަތާ އަލަށް ގުޅޭ ފަރާތްތަކަކީ ޤައުމިއްޔަތަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު، އަމުރަށް ކިޔަމަންތެރި، އަދި ހަށިހެޔޮ ބައެއްގެ ގޮތުގައި ބިނާކުރުމާއެކު ސިފައިންގެ މީހަކަށް ބޭނުންވާ އަސާސީ ޢިލްމާއި ހުނަރު އުނގަންނައިދިނުން ކަމަށް ފާހަގަކުރި އެވެ.

ރަސްމިއްޔާތަށްފަހު ރައީސް މުޢިއްޒު ވަޑައިގެންނެވީ ގިރިފުށީގައި ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢުގެ ސަރަޙައްދަށެވެ. އެ މަޝްރޫޢުއަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރެއްވުމަށް ރައީސް އެކަށައަޅުއްވާފައިވާ އިސްތިރާޖީ ލަނޑުދަނޑިތަކުގެ ތެރެއިން، ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ތަމްރީނުގެ ވަޞީލަތްތައް ޤާއިމުކުރުމަށް ހިންގާ މުހިންމު މަޝްރޫޢެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ބިންހިއްކުމުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.