ވޯލްޑްކަޕް ފައިނަލްގައި ފީފާގެ އަމިއްލަ ގަވައިދު މުގުރާލައި، ބްރޭކް 30 މިނެޓަށް!

ވޯލްޑްކަޕް ފައިނަލްގައި ފީފާގެ އަމިއްލަ ގަވައިދު މުގުރާލައި، ބްރޭކް 30 މިނެޓަށް!

Author
އަހުމަދު
16 ޖުލައި 2026 08:08
0

މި މަހުގެ 19 ވަނަ ދުވަހު ސްޕެއިންއާއި އާޖެންޓީނާ ބައްދަލުކުރާ ވޯލްޑްކަޕް ފައިނަލްގެ ދެ ހާފް ދެމެދުގައި، ޒަމާނުއްސުރެ ދެމިއޮތް 15 މިނެޓުގެ ބްރޭކް ފީފާއިން 30 މިނެޓަށް އިތުރުކޮށްފި އެވެ.

ފީފާއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ފުޓުބޯޅައިގެ ތާރީޚުގައި ވެސް ބްރޭކްގެ ވަގުތު 15 މިނެޓަށްވުރެ ދިގު ކުރާ މިއީ ފުރަތަމަ ފަހަރެވެ. މި 30 މިނެޓު ދިގު ބްރޭކްގެ ތެރެއިން 11 މިނެޓު ހާއްސަކުރެވިފައި ވަނީ މުނިފޫހިފިލުވުމުގެ ހަރަކާތަކަށެވެ. އަދި ބާކީ ވަގުތު ހޭދަކުރެވޭނީ އެ ހަރަކާތަށް ބޭނުންވާ ސާމާނު ދަނޑަށް އެރުވުމަށާއި، ހަރަކާތް ނިމުމުން ދަނޑު އަލުން ކުޅުމަށް ތައްޔާރު ކުރުމަށެވެ.

ފީފާގެ މި ނިންމުމަކީ ފުޓުބޯޅައިގެ ބައިނަލްއަގްވާމީ ގަވައިދު ހަދާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) ގެ ސާފު ގަވައިދަކާ ޚިލާފު ނިންމުމެކެވެ. އެ ބޯޑުގެ ގަވައިދު ބުނާ ގޮތުން ފުޓުބޯޅަ މެޗެއްގެ ދެ ހާފް ދެމެދުގެ ބްރޭކް 15 މިނެޓަށްވުރެ އިތުރު ކުރުމުގެ ފުރުސަތެއް ނޯވެ އެވެ.

ޚާއްސަ ބްރޭކްގައި ބާއްވާ މުނިފޫހިފިލުވުމުގެ ހަރަކާތުގައި ދުނިޔޭގެ ނަން މަޝްހޫރު ތަރިންގެ ހުށަހެޅުންތައް ފެންނާނެ އެވެ. އެގޮތުން ސްޓޭޖަށް އަރާނެ ކަމަށް ހަމަޖެހިފައިވާ ފަންނާނުންގެ ތެރޭގައި ޝަކީރާ، މެޑޯނާ އަދި ޖަސްޓިން ބީބާ ހިމެނެ އެވެ.

ފީފާގެ މި ނިންމުމަށް ފުޓުބޯޅައިގެ ތަޖުރިބާކާރުންނާއި ސަޕޯޓަރުންގެ ފަރާތުން ތަފާތު ޝުއޫރުތައް ދަނީ ފެންމަތިވަމުންނެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ބްރޭކްގެ ވަގުތު އެހާ ބޮޑަށް ދިގު ކުރުމުން ކުޅުންތެރިންގެ ހަށިގަނޑަށާއި، މެޗުގެ ފޯރިއަށް ނޭދެވޭ އަސަރެއް ކުރާނެ އެވެ. އަދި ފީފާއިން އަމިއްލައަށް ހަދާފައިވާ ގަވައިދެއް، ފީފާއިން އަމިއްލައަށް މުގުރާލުމަކީ ކުޅިވަރުގެ ހަމަހަމަކަމަށް ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ބުނެ ފާޑުކިޔުން އަމާޒުކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.