ބަންދުކުރި ގެއަކަށް ވަދެ އުޅުނު ދެ މީހަކު މަސްތުވާތަކެއްޗާ އެކު އައްޑޫން ހައްޔަރު ކޮށްފި

ބަންދުކުރި ގެއަކަށް ވަދެ އުޅުނު ދެ މީހަކު މަސްތުވާތަކެއްޗާ އެކު އައްޑޫން ހައްޔަރު ކޮށްފި

Author
އަހުމަދު
15 ޖުލައި 2026 09:27
0

އައްޑޫ މަރަދޫފޭދޫން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ގެއަކަށް ވަދެ ތިއްބައި، މަސްތުވާތަކެއްޗާ އެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނިގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރީ މަރަދޫފޭދޫ، އުއްމީދީވިލާ، އަހްމަދު ޝަރަތު، 32، އާއި އެ ރަށު ފަރިވިލާ، އާއިޝަތު ސަލީމް، 37 އެވެ. މި ދެ މީހުން ފެނުނީ މަރަދޫފޭދޫ 'އުއްމީދުގެ' ކިޔާ ގޭގެ ތެރެއިންނެވެ. އެ ގެއަކީ މަސްތުވާތަކެތި ބޭނުންކުރުމަށާއި ވިޔަފާރި ކުރުމަށް ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުގައި، ފާއިތުވި މަހުގެ 15 ވަނަ ދުވަހު އެ ރަށު މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން، 90 ދުވަހަށް ބަންދުކޮށްފައިވާ ގެއެއް ކަމަށް ފުލުހުން ބުންޏެވެ.

ބަންދުކޮށްފައިވާ އެ ގެއަށް ވަދެ، ކޯޓު އަމުރާ ހިލާފުވެފައިވާތީ، ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ ހޯމަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކޯޓު އަމުރުގެ ދަށުން ބަންދުކުރެވޭ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަ ނެތި ވަދެ ނުކުމެ ހެދުމަކީ ކުށެއް ކަން ފުލުހުން ފާހަގަކުރި އެވެ. އަދި މިފަދަ ތަންތަނަށް ހުއްދައަކާ ނުލައި ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާ މެދު، ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ އިންޒާރު ދީފަ އެވެ.

ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ތަންތަން ބަންދުކުރުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. އެގޮތުން، ފާއިތުވި ހަފުތާގައި ވެސް އައްޑޫ މަރަދޫ ބޯޅަދަނޑުގެ އާއި ހިތަދޫ ލާމިޔާގެ، މި ދެ ގެ ފުލުހުން ވަނީ ބަންދުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.