ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއީ ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި ސަރަހައްދީ ނަޒާހާތްތެރިކަމަށް އަރައިގަތުމުގެ ގޮތުން ދީފައިވާ ފާޅުކަން ބޮޑު ހަމަލާތަކެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކާތެރި ބިރެއް ކަމުގައި ދެކޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާ އާއި އެ ގައުމުގެ ރައްޔިތުންނާ އެކު ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮތް ކަމަށާއި، އެ ގައުމުގެ އިސްތިގުލާލާއި ސަލާމަތާއި ސަރަހައްދީ ނަޒާހާތްތެރިކަން ރައްކާތެރިކުރުމަށް ސައުދީން އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ރާއްޖެއިން ތާއީދުކުރާ ކަމަށް ބުނެފައިވެ އެވެ.
ހޫތީން މި ހަމަލާތައް ދީފައި މިވަނީ، އެ ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް އެއާޕޯޓަކަށް ދިން ވައިގެ ހަމަލާތަކަށް ސައުދީން އެހީތެރިވެދީފައިވާ ކަމަށް ތުހުމަތުކޮށް، ހަތަރު އަހަރު ވަންދެން ދެމިއޮތް ސުލްހައިގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފަހު އެވެ. ސައުދީން ބުނިގޮތުގައި، އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި މިސައިލްތައް ދިފާއީ ނިޒާމުތަކުން ވަނީ ހުއްޓުވާފަ އެވެ. އަދި މި މިސައިލްތައް ފޮނުވާލީ "ޓެރަރިސްޓް ހޫތީން" ކަމަށް ސައުދީ އިސްވެ އޮންނަ ކޯލިޝަނުގެ ތަރުޖަމާނު ސިފަކުރައްވާފައިވެ އެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވީ، ސައުދީގެ ދެކުނުގައި އޮންނަ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދިނީ، ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން "ބޮޑު އުދުވާނަށް" ރައްދުދިނުމުގެ ގޮތުން ކަމަށެވެ. އަދި ހަމަލާތައް މަދުކޮށްގެން ތިބި ތިބުން ނިމުމަކަށް ގެނައިކަން އިއުލާންކޮށް، ސަންއާ އެއާޕޯޓުގެ "ހިސޯރު" އުވާލަންދެން ސައުދީގެ ވައިގެ ސަރަހައްދު ބޭނުންނުކުރުމަށް އެއާލައިންތަކަށް ހޫތީން ވަނީ އިންޒާރު ދީފަ އެވެ.
ކޮމެންޓު ފޮނުވާ