ސައިބާ ކުށްތައް ދެގުނަ، ހަ މަހުން 33 މިލިއަން ރުފިޔާ ފޭރިއްޖެ

ސައިބާ ކުށްތައް ދެގުނަ، ހަ މަހުން 33 މިލިއަން ރުފިޔާ ފޭރިއްޖެ

Author
އަހުމަދު
14 ޖުލައި 2026 02:07
0

ރާއްޖޭގައި ސައިބާ ކުށްތައް މިއަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި 105 އިންސައްތަ އިތުރުވެ، މަކަރާއި ހީލަތުން 33 މިލިއަނަށްވުރެ ގިނަ ރުފިޔާ އާންމުންގެ އަތުން ފޭރިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ހުށަހެޅުނީ 512 މައްސަލައެވެ. ނަމަވެސް މިއަހަރު އެ އަދަދު ވަނީ 1،053 އަށް އަރައި، ދެގުނަ ވެފައެވެ. މީގެ ތެރެއިން 884 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ކުރިއަށްދާއިރު، 457 މައްސަލައެއް ވަނީ ފިޔަވަޅު އެޅުމަށްފަހު ފައިލްކޮށްފައެވެ.

އެންމެ ބޮޑަށް އިތުރުވެފައިވަނީ އޮންލައިން ޝޮޕިންގް ސްކޭމްތަކެވެ. މިދިޔަ އަހަރު 86 ކަމުގައި ހުރި މި ކުށްތައް މިއަހަރު ވަނީ 464 އަށް އުފުލި، 439 އިންސައްތައިގެ އިތުރުވުމެއް ފެނިފައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 15 އިން 109 އަށް (626 އިންސައްތަ) އުފުލިފައިވާއިރު، ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް ވެސް 56 އިން 103 އަށް ވަނީ އިތުރުވެފައެވެ. ފާހަގަކޮށްލެވޭ ކަމަކީ، މި ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގެ އެތެރެއިން ހިންގާ މުއާމަލާތްތައް ކަމަށް ފުލުހުން ބުނެފައިވުމެވެ.

ނަމަވެސް، ބައެއް ބާވަތުގެ ސައިބާ ކުށްތައް ވަނީ ދަށަށް ގޮސްފައެވެ. އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލްކުރުން 16 އިން ހަތަރަކަށް (75 އިންސައްތަ) މަދުވެފައިވާއިރު، ސޯޝަލް މީޑިއާ އެކައުންޓް ހެކްކުރުމުގެ މައްސަލަތައް 37 އިން 26 އަށް، އަދި ކާޑު ފްރޯޑުގެ މައްސަލަތައް 65 އިން 63 އަށް ވަނީ މަދުވެފައެވެ.

ޚާއްސަކޮށް ފޭސްބުކް މާކެޓްޕްލޭސް ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ ސްކޭމްތައް އިންތިހާއަށް އިތުރުވެފައިވާތީ، ފުލުހުން ވަނީ ޚާއްސަ އެންޓި ސްކޭމް ސެންޓަރެއް ގާއިމުކޮށްފައެވެ. މިއަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި 182 މައްސަލައެއްގައި އާންމުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ހެކްކޮށްފައިވާ ވައިބާ، ވަޓްސްއެޕް އަދި ފޭސްބުކް ފަދަ 120 އެކައުންޓެއް ވަނީ އަނބުރާ ހޯދައިދީފައެވެ. މީގެ އިތުރުން، ހޭލުންތެރިކުރުމުގެ ސެޝަންތަކުގައި 1،972 ދަރިވަރުނާއި 743 ބެލެނިވެރިންނާއި 428 މުވައްޒަފުން ހިމެނޭ ގޮތަށް ޖުމުލަ 3،143 ފަރާތަކަށް ފުލުހުން ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ.

ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ކުށްވެރިންގެ އުކުޅުތައް ވެސް ބަދަލުވަމުންދާތީ، ޚާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްތަކަށް ސަމާލުވުމަށާއި، އޮންލައިން މުއާމަލާތްތަކުގައި ޒާތީ މައުލޫމާތާއި ބޭންކިން ތަފުސީލުތައް ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މަކަރާއި ހީލަތުގެ ޝިކާރައަކަށްވެއްޖެނަމަ، ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން 125 އަށް ގުޅައި ރިޕޯޓުކުރުމަށް ފުލުހުން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.