ފީފާ ވޯލްޑް ކަޕް 2026 ގެ ރެފްރީންގެ ލިސްޓުން އުނިކުރި ނެދަލެންޑްސްގެ ތަޖުރިބާކާރު ރެފްރީ ރޮބް ޑީޕަރިންކް، އުމުރުން 38 އަހަރުގައި ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
އޭނާ މަރުވިކަން ކަށަވަރުކޮށްދިނީ ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަން (ކޭއެންވީބީ) އިންނެވެ. ނަމަވެސް، މަރުވި ސަބަބެއް ފެޑެރޭޝަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ވެސް ޑީޕަރިންކް ވަނީ ނެދަލެންޑްސްގެ ގޯ އަހެޑް އީގަލްސް އާއި އެޕޮލޮން އެފްސީ ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗެއްގައި ރެފްރީކަން ކޮށްފަ އެވެ.
2011 ވަނަ އަހަރުން ފެށިގެން ޕްރޮފެޝަނަލް ފެންވަރުގައި މަސައްކަތްކުރަން ފެށި ޑީޕަރިންކް، ނެދަލެންޑްސްގެ ފުރަތަމަ ޑިވިޝަނުގެ 84 މެޗު ހިމެނޭ ގޮތަށް، ޖުމުލަ 284 މެޗެއްގައި މައި ރެފްރީގެ ދައުރު އަދާކޮށްފައި ވެއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި ވީއޭއާރް ރެފްރީއެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކޮށްލެވުނެވެ. އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި، އޮލިމްޕިކްސް އަދި ޔޫރޮޕާ ލީގުގެ ފައިނަލްގައި ވެސް ރެފްރީންގެ ޓީމުގެ އޮފިޝަލެއްގެ ގޮތުގައި އޭނާ ވަނީ ހަރަކާތްތެރިވެފަ އެވެ.
މި އަހަރުގެ ވޯލްޑް ކަޕަށް ފީފާ އިން އެކުލަވާލި ރެފްރީންގެ ލިސްޓުގައި ފުރަތަމަ ޑީޕަރިންކްގެ ނަން ހިމެނުނު ނަމަވެސް، މެއި މަހު ފުރާވަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެއް އޭނާގެ މައްޗަށް ކުރެވުމާ ގުޅިގެން، ފީފާ އިން ވަނީ އެ ލިސްޓުން އޭނާ އުނިކޮށްފަ އެވެ. އިނގިރޭސިވިލާތުގައި ކުޅުނު މެޗެއްގައި އޮފިޝަލްކަން ކުރަން ދިޔަ ދަތުރެއްގައި މި ތުހުމަތު ކުރިމަތިވި ނަމަވެސް، އިނގިރޭސި ފުލުހުން ފަހުން ބުނީ އެކަށީގެންވާ ހެއްކެއް ފެންނަން ނެތުމުން، ދައުވާއެއް ނުކޮށް ކޭސް ލައްޕާލީ ކަމަށެވެ.
އެ ނިންމުމަށްފަހު ނެދަލެންޑްސްގެ "ޑި ޓެލެގްރާފް" ނޫހަށް ދިން އިންޓަވިއުއެއްގައި ޑީޕަރިންކް ބުނެފައި ވަނީ، ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި، ފުލުހުންގެ ތަހްގީގަށް ފުރިހަމައަށް އެއްބާރުލުން ދިން ކަމަށެވެ. "އަހަރެންގެ މައްޗަށް ނުހައްގުން ތުހުމަތެއް ކުރެވުމުން ވަރަށް ބޮޑަށް ދެރަވި. ފެށުނީއްސުރެ އަހަރެން ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދިނިން. ވޯލްޑް ކަޕަށް އަހަރެން ނުގެންދަން ފީފާ އިން ނިންމުމުން މާޔޫސްވި،" ކަމަށް އޭނާ ބުނެފައި ވެއެވެ.
ޑީޕަރިންކްގެ ކުއްލި މަރާ އެކު، މި އަހަރުގެ ވޯލްޑް ކަޕް ހިނގަމުންދާ ދަނޑިވަޅުގައި ފުޓްބޯޅައިގެ ދުނިޔެއިން ވަކިވެގެންދިޔަ ދެވަނަ ޝަހްސިއްޔަތަށް އޭނާ ވެއްޖެ އެވެ. މީގެ ކުރިން، ދެކުނު އެފްރިކާގެ ޓީމުގައި ހިމެނުނު އުމުރުން 26 އަހަރުގެ މިޑްފީލްޑަރު ޖޭޑަން އެޑަމް ވެސް، މިދިޔަ ހޮނިހިރު ދުވަހު މަރުވެފައި އޮއްވައި ފެނުނު ކަން ފާހަގަކޮށްލެވެ އެވެ. އޭނާ މަރުވި ސަބަބެއް ވެސް ތަހްގީގީ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ނެދަލެންޑްސް ފެޑެރޭޝަނުން ސިފަކުރި ގޮތުގައި، ޑީޕަރިންކްގެ ވަކިވުމަކީ ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާކާރު ރެފްރީއަކު ފުޓްބޯޅައާ ވަކިވެގެންދިއުމުގެ އިތުރުން، ފެޑެރޭޝަނާ ގާތް ގުޅުމެއް އޮތް ރަހުމަތްތެރިއެއްގެ ވަކިވުމެއް ވެސް މެއެވެ.
ކޮމެންޓު ފޮނުވާ