އެމެރިކާއާއި އީރާނާއި ދެމެދު އަލުން ފެށުނު ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް އަރައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި މިމަހުގެ 8 ވަނަ ދުވަހު އަލުން ހަމަލާތައް ބަދަލުކުރަން ފެށި ފަހުން، ބައިނަލްއަގުވާމީ މައިގަނޑު ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑުގެ އަގު 4 އިންސައްތަ ވަނީ އުފުލިފައެވެ. މިއާއެކު ސެޕްޓެމްބަރު މަހު ސަޕްލައި ކުރުމަށް ހަމަޖެހިފައިވާ ބްރެންޓުގެ ފީފާއެއްގެ އަގު 79.17 ޑޮލަރަށް އުފުލިފައިވާ ކަމަށާއި، މިއީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހަށްފަހު ތެލުގެ އަގު އެންމެ މަތީގައި ހުރި ފަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދެ ގައުމު ދެމެދު އަލުން ހަމަލާތައް ފެށިފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކަކަށް އީރާނުން ހަމަލާދިން ކަމުގެ ތުހުމަތުގައި، ދެ ގައުމުގެ ދެމެދު ހެދިފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެމެރިކާއިން އީރާނަށް ހަމަލާތަކެއް ދިނުމުންނެވެ. މީގެ ރައްދުގައި އީރާނުން ވެސް ވަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ ބައެއް އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.
މީގެ އިތުރުން، އިއްޔެ އީރާނުން ވަނީ އަނެއްކާ ވެސް ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ތެލުގެ އަގަށް އެންމެ ބޮޑަށް ބަދަލު އައިސްފައިވަނީ މި ނިންމުމާ ގުޅިގެންނެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، ދެ ގައުމުގެ ދެމެދު ހަމަނުޖެހުން ކުރިއަށްދާނަމަ، ތެލުގެ އަގު އިތުރަށް އުފުލުމުގެ ފުރުސަތު ބޮޑެވެ.
ކޮމެންޓު ފޮނުވާ