ރާއްޖޭގެ އިގުތިސާދުގައި ދައުރުވަމުންދާ 78 ބިލިއަން ރުފިޔާ ފަހާ ދުވަނީ އެންމެ 800 މިލިއަނެއްހާ ޑޮލަރު ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދުވަހުން ދުވަހަށް އުފުލޭތީ، އެ މައްސަލައަށް އަލިއަޅުވާލައި އެމްޑީޕީން ރޭ ބޭއްވި 'ޑޮލަރެއް ނެތް' ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ، 2020 ވަނަ އަހަރު ދިވެހި ރުފިޔާގެ ސަޕްލައި ހުރީ 41.4 ބިލިއަން ރުފިޔާގައި ކަމަށެވެ.
ނަމަވެސް މި މަސް ފެށުނުއިރު، ދައުލަތުގެ މަނީ ސަޕްލައި 78.4 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޑޮލަރު ހުރި މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް އިގުތިސާދުގެ ތެރޭގައި ދިވެހި ރުފިޔާ އެނބުރޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"މި 78 ބިލިއަން ރުފިޔާ މި ދަނީ ރާއްޖެއަށް އެވެއިލަބަލް ހުރިހާ ޑޮލަރެއް ފަހާ ދުވަން. ރާއްޖޭގެ ބަޖެޓަށް ވަތް ކަމަށް ތަފާސްހިސާބުތައް ދައްކަނީ، 800 މިލިއަން ޑޮލަރު،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް އިތުރަށް ވިދާޅުވި ގޮތުގައި، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު 20ރ. އަށް ވުރެ މައްޗަށް އަރާފައިވާއިރު، އިގުތިސާދުގައި މި ވަގުތު ޑޮލަރު ހުރީ އެންމެ 16 ބިލިއަން ރުފިޔާއަށް ވާވަރަށެވެ.
ކޮމެންޓު ފޮނުވާ