އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި

އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި

Author
އަހުމަދު
13 ޖުލައި 2026 10:08
0

ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަނުގެ ތަފްޞީލެއް ދެ އިދާރާއިންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ޖަލުތަކުގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ޝެޑިއުލްޑް އަދި އަންޝެޑިއުލްޑް ސާރޗް އޮޕަރޭޝަންތައް ދެ އިދާރާ ގުޅިގެން ދޭތެރެދޭތެރެއިން ހިންގަމުން ގެންދާ ކަމަށް އެ އިދާރާތަކުން ކުރިން ބުނެފައިވެއެވެ. މީގެ ކުރިން މާފުށީ ޖަލާއި ހުޅުމާލޭ ޖަލުގައިވެސް މިފަދަ އޮޕަރޭޝަންތަކެއް ވަނީ ހިންގާފައެވެ.

ޖަލުތަކުގެ ތެރެއަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށާއި، ޖަލުތަކުގައި ތިބެގެން ހިންގާ ކުށުގެ ޢަމަލުތައް ހުއްޓުވުމަށް ސިލްސިލާ ފިޔަވަޅުތަކެއް އަޅަމުންދާކަން ކަރެކްޝަނަލް ސަރވިސްއިން ފާހަގަކުރެއެވެ. އެގޮތުން ޒަމާނީ ސްކޭނިންގ ނިޒާމުތައް ޖަލުތަކުގައި ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ވަނީ ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސްފައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރެއް ބަހައްޓައި، އެ ޖަލަށް ވައްދާ އެންމެހާ ތަކެތި ސްކޭން ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މި އަހަރުގެ ފެބްރުވަރީ މަހު، ޖަލަށް ވަންނަ މީހުން ސްކޭން ކުރުމަށް ބޮޑީ ސްކޭނަރެއްވެސް ވަނީ ބަހައްޓާފައެވެ. މިއީ ޖަލުތަކުގައި މިފަދަ ފުރިހަމަ ނިޒާމެއް ޤާއިމުކުރި ފުރަތަމަ ފަހަރެވެ.

މި ނިޒާމުތަކުގެ ސަބަބުން، އޮޅުވާލައިގެން ޖަލަށް މަނާ ތަކެތި ވެއްދުމުގެ ފުރުޞަތު ބަންދުވެ، މަނާ ތަކެތި ޖަލުތެރެއަށް ވެއްދުމަށް ދިމާވާ ދަތިކަން އިތުރުވެގެންދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. ޖަލުތަކުގައި ތިބެގެން ސްކޭމްގެ ބޮޑެތި ޢަމަލުތައް ހިންގާކަން ފުލުހުން މީގެ ކުރިން ފާހަގަކޮށްފައިވާއިރު، އެފަދަ މައްސަލަތަކާ ގުޅިގެންވެސް ގިނަ އޮޕަރޭޝަންތަކެއް މިހާތަނަށް ވަނީ ހިންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.