ކައުންސިލްތަކަށް މިއަހަރު 1.25 ބިލިއަން ރުފިޔާ ދޫކޮށްފި

ކައުންސިލްތަކަށް މިއަހަރު 1.25 ބިލިއަން ރުފިޔާ ދޫކޮށްފި

Author
އަހުމަދު
13 ޖުލައި 2026 10:05
0

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.25 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓު ދައްކާ ގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.8 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ކައުންސިލްތަކަށް ދޫކޮށްފައި ވަނީ 1.07 ބިލިއަން ރުފިޔާއެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅި އަހަރުގެ ގޮތުގައި މިއަހަރު ފާހަގަކުރެވޭ އިރު، ބްލޮކް ގްރާންޓުގެ ގޮތުގައި މިއަހަރު ޖުމްލަ 2.47 ބިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ. އަޅާ ބަލައިލާއިރު، 2023 ވަނަ އަހަރު ކައުންސިލްތަކަށް ދޫކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާއާއި އިތުރު 8 މިލިއަން ރުފިޔާއެވެ. އޭގެ ކުރީ އަހަރު ދޫކޮށްފައި ވަނީ 2.2 ބިލިއަން ރުފިޔާއެވެ.

ކައުންސިލްތަކުގެ ތެރެއިން މިހާރު ވެސް އެންމެ ބޮޑު ހިއްސާއެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. ޚާއްޞަކޮށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައި ވަނީ މާލޭ ސިޓީ ކައުންސިލަށެވެ. 2020 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އާމްދަނީގެ މައްޗަށް ބިނާކޮށް ޚާއްޞަ ފޯމިއުލާއަކުން މި ފައިސާ ދޫކުރަމުން އައި ނަމަވެސް، ސަރުކާރުން ވަނީ މި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފައެވެ.

ސަރުކާރުގެ އާ ސިޔާސަތުގެ ދަށުން، ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި ރަށުގެ ބިމުގެ ބޮޑުމިނަށް ވެސް ރިޢާޔަތްކުރާނެއެވެ. މީގެ އިތުރުން، އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމާފައި ވުމުން، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައި ވަނީ ކައުންސިލްތަކަށް ހިލޭ އެހީ ދޭ އިރު ރަށުގެ ބޮޑުމިނަށް ރިޢާޔަތްކުރެއްވުމަށެވެ. ސަރުކާރުގެ އަމާޒަކީ ބްލޮކް ގްރާންޓާއި އަމިއްލަ އާމްދަނީގެ ގޮތުގައި ކައުންސިލްތަކަށް އިތުރަށް ފައިސާ ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.