ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހުންނަ މަޝްހޫރު ޕަބެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި 27 މީހުން މަރުވެ، 63 މީހުން ޒަޚަމްވެއްޖެއެވެ.
ސަލާމަތީ ބާރުތަކުން ބުނިގޮތުގައި "ނާ ލަޑްޕްރާއޯ" ނަމަކަށް ކިޔާ އެ ޕަބްގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުނީ ރޭ 23:30ހާއިރެވެ. އަދި ގާތްގަނޑަކަށް ބައިގަޑިއިރުގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ކަމަށާއި، އެހެންނަމަވެސް އޭރު ޕަބްގެ އެތެރެ އެއްކޮށް އަނދާ، ފަރުނީޗަރާއި ފާރުތަކާއި ސީލިންގު ކަޅުވެފައިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކުރެއެވެ.
ތައިލެންޑްގެ ބޮޑުވަޒީރު އަނޫޓިން ޗާންވިރާކުލް ވިދާޅުވި ގޮތުގައި، ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަހުގީގެއް ވަނީ ފަށައިފައެވެ. ނަމަވެސް އެ ވަގުތު ޕަބްގައި މިއުޒިކް ކުޅެން ހުރި މީހަކާ ހަވާލާދީ ބޮޑުވަޒީރު ވިދާޅުވީ، ހާދިސާ ހިނގާފައިވަނީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ކަރަންޓު މައްސަލައެއް ދިމާވެ އެއްޗެއް ގޮވި އަޑު އިވުމާއެކު މީހުން ބޭރަށް ދުއްވައިގަތް ނަމަވެސް، އަލިފާނާއި ދުންގަނޑު ހަލުވިކަމާއެކު ފެތުރި ގިނަ ބަޔަކަށް ބޭރަށް ނުދެވުނު ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ބޮޑުވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ދުމުން ސަލާމަތްވުމަށް ގިނަ ބަޔަކު ޕަބްގެ ފާޚާނާތަކުގެ ތެރެއަށް ވަދެފައިވާއިރު، މަރުވި ގިނަ މީހުންގެ ހަށިގަނޑުތައް ފެނިފައި ވަނީ ވެސް ފާޚާނާތަކުގެ ތެރެއިންނެވެ. ބެންކޮކްގެ ޑިޒާސްޓާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ސުރިޔާޗައި ރަވިވާން ވިދާޅުވި ގޮތުގައި، ގިނަ މީހުން މަރުވެފައިވަނީ ދުމުގެ ސަބަބުން ނޭވާ ހާސްވެގެން ކަމަށް ބެލެވުނު ނަމަވެސް، އެކަން ކަށަވަރު ކުރުމަށް އިތުރު ތަހުގީގުތަކެއް ކުރަން ޖެހޭނެއެވެ. ޒަޚަމްވި މީހުންގެ ތެރެއިން ފަރުވާ ދެމުންދާ މީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބެންކޮކްގައި މިފަދަ ހާދިސާއެއް ހިނގާފައި މިވަނީ މީގެ ހަތަރު އަހަރު ކުރިން އެ ސިޓީގެ ބާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 22 މީހުން މަރުވެފައި ވަނިކޮށެވެ. މީގެ އިތުރުން، 2009 ވަނަ އަހަރު ބެންކޮކްގެ ނައިޓް ކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 66 މީހުން ވަނީ މަރުވެފައެވެ.
ކޮމެންޓު ފޮނުވާ