މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މި އަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
ޚާއްޞަ އިނާމާ ބެހޭ ކޮމިޓީން ބުނީ، މި އިނާމަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ކަމަށެވެ. ނަން ހުށަހެޅޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށެވެ.
މިއަހަރުގެ އިނާމު ދޭން ހަމަޖެހިފައި ވަނީ ހަތަރު ގިންތިއަކުންނެވެ. އެއީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ބައިނަލްއަޤުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެ މަތީ ވަނަ ހޯދި ފަރާތްތަކުގެ އިތުރުން، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމަށް އައު އީޖާދެއް ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްފައިވާ ފަރާތްތަކާއި، ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ހުނަރުވެރި ޒުވާނުންނެވެ.
ތަޢުލީމީ ދާއިރާއިން މި އިނާމަށް ޝަރުތު ހަމަވާނީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށެވެ. އަދި މީގެ އިތުރުން، ލެވެލް 7، 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރުމުގައި މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކަނޑައަޅާ އެންމެ މަތީ ދަރަޖައިގައި ކޯސް ފުރިހަމަކޮށް، އެ މަރުކަޒަކުން ދޭ އެންމެ މަތީ ޝަރަފު ލިބިފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެއެވެ.
އިނާމަށް ހުށަހަޅާ ލިޔުންތަކަކީ އަސްލާ އެއްގޮތް ލިޔުންތަކެއްކަން ކަށަވަރު ކުރުމަށާއި، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ފޯމު ފުރިހަމަކުރުމަށް ޚާއްޞަ އިނާމާ ބެހޭ ކޮމިޓީން ވަނީ އިލްތިމާސްކޮށްފައެވެ. މިކަމާ ގުޅޭ ތަފުޞީލީ އުޞޫލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މި އަހަރުގެ ޚާއްޞަ އިނާމު ޙަވާލުކުރުމަށް ހަމަޖެހިފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.
ކޮމެންޓު ފޮނުވާ