މެލޭޝިއާގައި ޑިގްރީއަށް ކިޔެވުމަށް އަދާލަތުން 20 ސްކޮލަޝިޕެއް ހުޅުވާލައިފި

މެލޭޝިއާގައި ޑިގްރީއަށް ކިޔެވުމަށް އަދާލަތުން 20 ސްކޮލަޝިޕެއް ހުޅުވާލައިފި

Author
އަހުމަދު
12 ޖުލައި 2026 08:47
0

މެލޭޝިއާގެ އަލް-ބުޚާރީ އިންޓަރނޭޝަނަލް ޔުނިވަރސިޓީން އަދާލަތު ޕާޓީއަށް ދޫކުރި 20 ސްކޮލަޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ. މާލީ ފުދުންތެރިކަން ދަށް ކުދިންނަށް އިސްކަން ދޭ މި ސްކޮލަޝިޕްތައް ހަމަޖެހިފައި ވަނީ 26 އޮކްޓޫބަރު ގައި ފައްޓާ އިންޓޭކާ އެކު ފަށާ ތިން އަހަރުގެ ޑިގްރީ ޕްރޮގްރާމަކަށެވެ.

އަދާލަތު ޕާޓީން ބުނި ގޮތުގައި މި ފުރުސަތު ލިބިގެންދާނީ އެ ޔުނިވަރސިޓީގެ ތިން ފެކަލްޓީ އަކުންނެވެ. އެއީ ވިޔަފާރި އާ ގުޅޭ ދާއިރާތައް ކިޔަވައިދޭ ސްކޫލް އޮފް ބިޒްނަސް އާއި، ތައުލީމާއި އިޖުތިމާއީ އަދި އިންސާނީ ސައިންސްގެ ދާއިރާތައް ކިޔަވައިދޭ ސްކޫލް އޮފް އެޑިއުކޭޝަން އެންޑް ހިއުމަން ސައިންސް، އަދި ކޮމްޕިއުޓަރ ސައިންސް، ޑާޓާ ސައިންސް، އިންފޯމޭޝަން ޓެކްނޮލޮޖީ އަދި ސައިބަރ ސެކިއުރިޓީ ފަދަ ދާއިރާތައް ކިޔަވައިދޭ ސްކޫލް އޮފް ކޮމްޕިއުޓިންގް އެވެ.

މި ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. އެގޮތުން ކުރިމަތިލާ ފަރާތުގެ އުމުރު 17 އަހަރާއި 23 އަހަރާ ދެމެދު ވުމާއި، ކައިވެނި ކޮށްފައި ނުވުމާއި، ގްރޭޑް 12 ނުވަތަ އެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައި ވުމާއި، ދަށްވެގެން ސީޖީޕީއޭ 2.8 ހިފެހެއްޓުމަކީ އެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ނަމަވެސް ކޮމްޕިއުޓަރ ސައިންސް ނުވަތަ ޑާޓާ ސައިންސް ދާއިރާ އިޚްތިޔާރު ކުރާ ނަމަ ދަށްވެގެން ސީޖީޕީއޭ 3.0 ހިފަހައްޓަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން މި ވަގުތު އެއްވެސް މަތީ ތައުލީމު ދޭ ތަނެއްގައި ކިޔަވަމުން ދާ ފަރާތެއް ކަމުގައި ނުވުމާއި، ކުރިމަތިލާ ފަރާތުގެ އެއްބަނޑު އެއްބަފާ މީހަކަށް އެ ޔުނިވަރސިޓީގެ ފައުންޑޭޝަނުން ކުރިން އެހީ ލިބިފައި ނުވުމާއި، IELTS، TOEFL، TOEFL iBT ނުވަތަ PTE ގެ ސެޓްފިކެޓެއް އޮތުމަކީ ވެސް ފުރިހަމަ ވާން ޖެހޭ ޝަރުތުތަކެވެ.

ސްކޮލަޝިޕްގެ ތެރެއިން ވިސާ ފީ އާއި މެލޭޝިއާއަށް ދާ ދަތުރު ޚަރަދު، އަދި ޔުނިވަރސިޓީއަށް ދައްކަން ޖެހޭ 1200 ރިންގިޓުގެ ސެކިއުރިޓީ ޑިޕޮސިޓް ފިޔަވައި، ކިޔެވުމުގެ ހުރިހާ ޚަރަދެއް ހަމަޖެހިގެންދާނެ ކަމަށް އަދާލަތުން ބުނެ އެވެ.

މި ފުރުސަތަށް ޝައުޤުވެރިވާ ފަރާތްތަކުން، އައިޑީ ކާޑު ކޮޕީ، ސީވީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް، އަދި ބެލެނިވެރިންނަށް ލިބޭ އާމްދަނީ ކަށަވަރު ކޮށްދޭ ސެލެރީ ސްލިޕް ނުވަތަ ބެލެނިވެރިންނަށް ސަރުކާރުގެ އެހީ ލިބޭ ކަން ސާބިތު ކޮށްދޭ ލިޔުމެއް، މި މަހުގެ 25 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އަދާލަތުން ވަނީ އެދިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.