ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ހުޅުވާލި ފުރުސަތުގައި، ފެނަކަ ކޯޕަރޭޝަނުން ވަކިވާން މިހާތަނަށް 108 މުވައްޒަފުން އެދިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފް ހުސެއިންއެވެ.
އިނާޔަތްތަކާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ފެނަކައިން ހުޅުވާލީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ. އެ ފުރުސަތުގެ ދަށުން ވަޒީފާއިން ވަކިވާ ކޮންމެ މުވައްޒަފަކަށްވެސް ހަތަރު މަސް ދުވަހުގެ މުސާރަ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
އަފީފް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމު ފެށުމުގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ. މީގެ އިތުރުން، މަސައްކަތުގެ މާހައުލުގައި އިންސާފުވެރިކަން ގާއިމުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ބައެއް މުވައްޒަފުން ބުރަކޮށް މަސައްކަތްކުރާއިރު، އަނެއްބައި މުވައްޒަފުން ހަމައެކަނި ހާޒިރީ ފުރިހަމަކޮށްފައި އެނބުރި ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ