ޕެރޯލްގެ ޝަރުތު ފުރިހަމަވާ ގައިދީންނާ އިންޓަވިއުކޮށްފި

ޕެރޯލްގެ ޝަރުތު ފުރިހަމަވާ ގައިދީންނާ އިންޓަވިއުކޮށްފި

Author
އަހުމަދު
12 ޖުލައި 2026 08:45
0

މާފުށީ ޖަލުގައި ތިބި ޕެރޯލްގެ ޝަރުތު ފުރިހަމަވާ ގިނަ ގައިދީންތަކަކާ އިންޓަވިއު ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުތު ފުރިހަމަވާ ގިނަ ބަޔަކާ އިންޓަވިއު ކުރުމަށާއި، އެ މީހުންގެ ކަންކަމުގައި ގޮތެއް ނިންމުމަށްޓަކައި ޕެރޯލް ބޯޑުގެ ހާއްސަ ބައްދަލުވުންތަކެއް އިއްޔެ މާފުށީ ޖަލުގައި ބާއްވާފައިވާ ކަމަށެވެ. މީގެ އިތުރުން، ބޯޑުގެ މެންބަރުން ވަނީ މާފުށި ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ހިންގަމުން އަންނަ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ކޯސްތައް ކުރިއަށް ގެންދާ ވޮކޭޝަނަލް ސައިޓަށް ޒިޔާރަތްކޮށް، އެ ތަނުގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލައްވާފަ ކަމަށް ވެސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.

ޕެރޯލް އެންޑް ކްލެމެންސީގެ އުސޫލުގެ ދަށުން ޖަލުތަކުގައި ތިބޭ ގައިދީން ދޫކޮށްލަން ފެށީ 2023 ވަނަ އަހަރު އެވެ. އެ އަހަރު އެކަނިވެސް 434 މީހަކު މި އުސޫލުގެ ދަށުން ޖަލުން ދޫކޮށްލި އިރު، އޭގެ ތެރެއިން ގިނަ ބަޔަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ލެވިފައި ތިބި ފަރާތްތަކެވެ.

ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމުގައި ހޭދަކުރާ ކޮންމެ ދުވަހަކީ ހުކުމުގެ ބާކީ އޮތް މުއްދަތުން އުނިވާނެ ދުވަހެއްގެ ގޮތުގައި ބަލައި، މާފުދޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ 2024 ވަނަ އަހަރު އެވެ.

ހަމައެއާ އެކު، ޖަލުތަކުގައި ތިބޭ ގައިދީން ކުރާ މަސައްކަތްތަކަށް ދޭ އެލަވަންސް 25 އަހަރު ފަހުން، މިދިޔަ އަހަރު ސަރުކާރުން ވަނީ ބޮޑުކޮށްފަ އެވެ. މި އެލަވަންސް ދިނުމުގައި މަސައްކަތުގެ ބާވަތަށް ބަލައި އަށް ގްރޭޑަކަށް ބަހާލާފައިވާއިރު، އެންމެ ދަށް މިންގަނޑު ކަމަށްވާ ގްރޭޑް 1 އަށް ދެނީ 50 ރުފިޔާ އެވެ. ކޮންމެ ގްރޭޑަކަށް 10 ރުފިޔާ ބޮޑުވަމުން ގޮސް، އެންމެ މަތީ ގްރޭޑް ކަމަށްވާ ގްރޭޑް 8 އަށް ދުވާލަކު 120 ރުފިޔާ ލިބޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.