ވޯލްޑް ކަޕްގައި ކުޅުނު ދެކުނު އެފްރިކާގެ އެޑަމްސް ކުއްލި ގޮތަކަށް މަރުވެއްޖެ

ވޯލްޑް ކަޕްގައި ކުޅުނު ދެކުނު އެފްރިކާގެ އެޑަމްސް ކުއްލި ގޮތަކަށް މަރުވެއްޖެ

Author
އަހުމަދު
12 ޖުލައި 2026 03:43
0

ކޭޕްޓައުން (ޖުލައި 11) – މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ދެކުނު އެފްރިކާގެ ޓީމަށް ފާހަގަކޮށްލެވުނު މިޑްފީލްޑަރު، އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް، ކޭޕްޓައުންގެ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އެޑަމްސްގެ ހަށިގަނޑު ފެނިފައި ވަނީ ކޭޕްޓައުންގެ ޝޮޓްސްޝެކްލޫފް ސަރަހައްދުގެ ގެއެއްގެ ތެރެއިންނެވެ. މި މަރުގެ ސަބަބު ދެނެގަތުމަށްޓަކައި ކޭޕްޓައުން ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި، އެޑަމްސް ވަނީ ދެކުނު އެފްރިކާ އިން ކުޅުނު ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ބައިވެރިވެފައެވެ. އޭގެ ތެރެއިން ޗެކް ރިޕަބްލިކާ 1-1 އިން އެއްވަރުވި މެޗުގައި އޭނާ ފެނިގެންދިޔައީ ފުރަތަމަ އެގާރައިންނެވެ. ދެކުނު އެފްރިކާ ވަނީ ފުރަތަމަ ބުރު ފަހަނައަޅައި ގަދަ 32 ގެ ބުރަށް ދަތުރުކުރި ނަމަވެސް، ކެނަޑާއާ ބައްދަލުކުރި މެޗުގެ ފަހު ވަގުތުކޮޅު ތެރޭ ބަލިވެ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނެވެ.

އެޑަމްސްގެ ކުއްލި މަރާ ގުޅިގެން، ދެކުނު އެފްރިކާގެ ސްޕޯޓްސް މިނިސްޓަރު ގޭޓަން މެކެންޒީ ވިދާޅުވީ މި ހަބަރު ލިބުނީ ބޮޑު ޝޮކެއްގެ ގޮތުގައި ކަމަށާއި، ފުޓްބޯޅައިގައި އުޖާލާ މުސްތަގުބަލެއް އޮތް ހުނަރުވެރި ކުޅުންތެރިއަކު ގެއްލިދިޔުމަކީ މުޅި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. ތަހުގީގު ނިމުމުގެ ކުރިން ޔަގީންނުވާ މައުލޫމާތު ނުފެތުރުމަށް މީޑިއާ އާއި އާންމުންގެ ކިބައިން މިނިސްޓަރު ވަނީ އެދިވަޑައިގަންނަވާފައެވެ. މެކެންޒީ ސިފަކުރެއްވި ގޮތުގައި، މިއީ ނިޔާވި ކުޅުންތެރިޔާ އާއި އޭނާގެ އާއިލާ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެންމެންގެ މައްޗަށް ލާޒިމު ކަމެކެވެ. މި މައްސަލައާ ބެހޭ ސައްހަ މައުލޫމާތު ލިބެމުންދާ ވަރަކުން ރަސްމީ އިދާރާތަކުން ހާމަކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައުމީ ސީނިއާ ޓީމަށް 2022 ވަނަ އަހަރު ކުޅެން ފެށި އެޑަމްސް އަކީ، 2023 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލަށް ދެކުނު އެފްރިކާ ދަތުރުކުރި ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ދެކުނު އެފްރިކާގެ އެންމެ ވަރުގަދަ ކްލަބް ކަމަށްވާ މަމެލޯޑީ ސަންޑައުންސް އަށް ބަދަލުވުމާ އެކު، އޭނާގެ ކެރިއަރު އިތުރު ހަރުފަތަކަށް ދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.