ހއ. ބާރަށު ކައުންސިލްގެ 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކޮށް، އޮޑިޓާ ޖެނެރަލްގެ އޮފީހުން އެ ބަޔާންތަކަށް "އެޑްވާސް އޮޕީނިއަން" އެއް ދެއްވައިފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކުރި އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ކައުންސިލުން ފާސްކުރި ބަޖެޓާއި މާލީ ބަޔާނުގައި ހިމަނާފައިވާ ބަޖެޓުގެ އަދަދުތަކާ ދެމެދު އާމްދަނީގެ ބައިން 7.1 މިލިއަން ރުފިޔާގެ ފަރަގެއް ހުރި ކަމަށާއި، ހަރަދުގެ ބައިން 6.1 މިލިއަން ރުފިޔާގެ ފަރަގެއް ހުރި ކަމަށެވެ. މާލީ ބަޔާންތަކަކީ ހަގީގަތާ އެއްގޮތަށް، ސައްހަކަމާ އެކު ތައްޔާރުކޮށްފައިވާ ބަޔާންތަކެއް ކަން ކަށަވަރު ނުވާތީ، އޮޑިޓާ ޖެނެރަލް ވަނީ އެ ބަޔާންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ މާލީ ނިޒާމު "ވިޔަ މޮޑިއުލް" އިން ދައްކާ އަދަދާއި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދާ ދެމެދު ވެސް ވަނީ ބޮޑެތި ފަރަގުތަކެއް ފެންމަތިވެފައެވެ. އެގޮތުން، 2022 ވަނަ އަހަރު ކައުންސިލަށް ލިބުނު ފައިސާގެ ގޮތުގައި ވިޔަ މޮޑިއުލްއިން ދައްކާ އަދަދާއި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދާ ދެމެދު 2.2 މިލިއަން ރުފިޔާގެ ފަރަގެއް ހުރި އިރު، ހަރަދުގެ ބައިން 625،365 ރުފިޔާގެ ފަރަގެއް ހުރި ކަމަށް ރިޕޯޓުގައި ވެއެވެ.
މީގެ އިތުރުން، 2022 ވަނަ އަހަރު ނިމުނު އިރު ކައުންސިލްގެ ބޭންކް އެކައުންޓްތަކާއި ތިޖޫރީގައި 11.5 މިލިއަން ރުފިޔާ ހުރި ކަމަށް ބޭންކް ސްޓޭޓްމަންޓްތަކުން ދައްކާ އިރު، މާލީ ބަޔާނުގައި އެ އަހަރު ނިމުނު އިރު ކައުންސިލްގައި ހުރި ފައިސާގެ ގޮތުގައި ހިމަނާފައި ވަނީ ނެގެޓިވް ބެލެންސެއް ކަން ފާހަގަކޮށްފައި ވެއެވެ. މިއީ މާލީ ބަޔާން ތައްޔާރުކުރުމުގައި ހަދާފައިވާ ބޮޑު ގޯހެއްގެ ގޮތުގައި ރިޕޯޓުގައި ސިފަކޮށްފައި ވެއެވެ.
މި މައްސަލަތައް ހައްލުކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ފިނޭންސް މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް މާލީ ބަޔާންތައް ތައްޔާރުކުރުމަށާއި، ކައުންސިލްގެ ހުރިހާ މާލީ މުއާމަލާތެއް ވިޔަ މޮޑިއުލް މެދުވެރިކޮށް ހިންގުމަށް އޮޑިޓާ ޖެނެރަލް ވަނީ ބާރަށު ކައުންސިލަށް ލަފާދެއްވާފައެވެ.
ކޮމެންޓު ފޮނުވާ