ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމުގެ ޤާބިލުކަމެއް މުއިއްޒުގެ ކިބައިގައި ނެތް: އަނަސް

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމުގެ ޤާބިލުކަމެއް މުއިއްޒުގެ ކިބައިގައި ނެތް: އަނަސް

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2021 10:24
0

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމުގެ ޤާބިލުކަމެއް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުގެ ކިބައިގައި ނެތްކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

މާލެސިޓީ ކައުންސިލުގެ މޭޔަރުގެ މަޤާމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަނަސް އަބްދުއް ސައްތާރާއި، އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ.މުއިއްޒާއިދެމެދު މިއަދު ބަހުގެ ހަމަލާތަށް ސޯޝަލް މީޑިޔާގައި ބަދަލު ކުރެވެމުންދާއިރު، ދެ ޕާޓީގެ އިސްސަފުގެ ބޭފުޅުންވެސް ވަނީ މި ޒުވާބުގެ ތެރެއަށް ވަދެ ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ.

މާލެސިޓީ ކައުންސިލުގެ މޭޔަރުގެ މަޤާމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވީ ދެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަޤާމު ފުރުއްވިއިރު މުއިއްޒުއަށް މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދިފައި ނުވާކަމަށެވެ. އަދި އޭރުގެ ބާރު ލިބި އަތް މަތީގައި ހުރިހާ ބާރެއް އޮތްއިރު ގުޅިފަޅުންނާއި މާލެ ކައިރީ އެނޫންތަންތަނުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ނުދެވި މިއަދު މިވާހަކަ ދައްކައިގެން މުއިއްޒުއަށް ހޯދައި ދެއްވޭނެ ހައްލެއް ނެތްކަމަށް އަނަސް ވިދާޅުވިއެވެ.

ދެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ނިންމާލެއްވީ މަގުމަތިކޮށްލި ގުޅިފަޅުން ބޯހިޔާވަހިކަން ލިބުނު ފަރާތްތަކަށް ހައްލެއް ނުދެވި. އެކަމުން އެކަނިވެސް ދައްކުވައިދެނީ މާލެއަށް އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ގެނެސްދޭނެ ޤާބިލުކަމެއް މުއިއްޒުގެ ކިބައިގަން ނެތްކަން.

– އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ މުއިއްޒުއާއި، މުއިއްޒު ނިސްބަތްވާ ސަރުކާރުތަކުން ނިމިދިޔަ އަހަރުތަކުގައި ރައްޔިތުންނަށް ދުއްތުރާ ޖެއްސުން ނޫންކަމެއް ކޮށްފައި ނުވާކަމަށެވެ. މާލޭ ރައްޔިތުންނަށް ހެޔޮއެދިގެން މުއިއްޒު ނިސްބަތްވި ސަރުކާރުތަކުން ކޮށްދިން ރަނގަޅު ކަންތައްތަކެއް ނެތްކަމަށް އަނަސް ވިދާޅުވިއެވެ.

7 އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވީ ލާމަރުކަޒީ ޤާނޫނަށް ބަަދަލު ގެނެސް ބާރުތައް ނަންގަވައިގެން މާލޭ ރައްޔިތުންނާއި، ރަށްވެހިންނަށް ދުއްތުރާ ކުރުން ނޫން ކަމެއް ނުކުރައްވާ.

– އަނަސް ވިދާޅުވިއެވެ.

އަނަސްއާއި، މުއިއްޒުގެ ބަހުގެ ހަމަލާތައް މިއަދު ބަދަލު ކުރެވެމުންދާއިރު، ދެބޭފުޅުންދަނީ ދެބޭފުޅުން ނިސްބަތްވާ ސަރުކާރުތަކަށް އަމާޒުކޮށް ރައްދު ދެއްވަމުންނެވެ. މުއިއްޒު ވިދާޅުވެފައިވަނީ މިސަރުކަރަށް ރައީސް ޔާމީން ފްލެޓް އަޅައި ލިސްޓު ހަވާލު ކުރެއްވުމުންވެސް ފެލެޓުގެ ހައްގުވެރިންނަށް ފްލެޓު ނުދީ ހިފެހެއްޓިފައި ވާކަމަށެވެ. މިއީ ސަރުކާރުން މާލޭ ރައްޔިތުންނަށް ހެޔޮ އެދޭނަމަ ކޮށްގެންވާނެ ކަމެއް ނޫންކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.