ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި 33,000 އެއްހައި މެންބަރުން ވޯޓުލައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މެންބަރުންގެ 85 އިންސައްތަ މީހުން ބައިވެރިވެއްޖެ އެވެ.
ވޯޓުލުން ނިންމައިލުމަށްފަހު ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މިއަދު ބޭއްވި އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިޚާބު ކަމަށެވެ. އިންތިޚާބު ބޭއްވި ދާއިރާތަކުގައި ވޯޓުލުމުގެ ޙައްޤު 40,000 އެއްހައި މެންބަރުންނަށް ލިބިފައިވާއިރު، އޭގެތެރެއިން ގާތްގަނޑަކަށް 32,000 އާއި 33,000 އާ ދެމެދުގެ އަދަދެއްގެ މީހުން ވޯޓުލާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މުޅި ޤައުމުގައި ބަހައްޓާފައިވާ 119 ވޯޓު ފޮއްޓަށް އެހައި ގިނަ އަދަދެއްގެ މީހުން ވޯޓުލުމަކީ ޕާޓީއަށާއި، ޕާޓީގެ ސަރުކާރަށާއި، ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ހާމަވެގެންދިޔަ ކަމެއް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވި އެވެ. އެގޮތުން، އެތެރޭގެ އިންތިޚާބެއްގައި 2,000 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކޮށް، މިހާ ގިނަ މެންބަރުން ބައިވެރިވުމަކީ ޕާޓީގެ ސަރުކާރަށް ރައްޔިތުންގެ އޮތް ތާއީދު ދައްކުވައިދޭ ރަމްޒެއް ކަމުގައި ވެސް އޭނާ ސިފަކުރެއްވި އެވެ.
މިއަދު ބޭއްވި މި އިންތިޚާބަކީ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން، ޕާޓީގެ އެކިއެކި މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބެކެވެ.
ކޮމެންޓު ފޮނުވާ