ސްޕެއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ، ޒާތީ ރެކޯޑުތަކުގެ ވާހަކަ ފަހަތަށް ޖެހި، މުޅި ދުނިޔެ ހަނދާން ބަހައްޓާނީ ޓީމުގެ ކާމިޔާބީގެ ވާހަކަ ކަމަށާއި، އެހެންކަމުން އޭނާއަށް އެންމެ މުހިންމީ ޓީމު މޮޅުވުން ކަމަށް ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ބުނެފިއެވެ.
ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލްގައި ރޭ ބެލްޖިއަމް އަތުން 2-1 އިން މޮޅުވެ، ސްޕެއިން ވަނީ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައެވެ. މި މެޗުގައި ޔަމާލަށް ލަނޑެއް ނުޖެހުނު ނަމަވެސް، ދެއްކި މޮޅު ކުޅުމުގެ ސަބަބުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އޭނާއަށެވެ.
މުޅި މުބާރާތުގައި ޔަމާލް މިހާތަނަށް ޖެހީ އެންމެ ލަނޑެކެވެ. އެއީ ގުރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑެކެވެ. މީގެ ސަބަބުން އޭނާއަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވީ ނަމަވެސް، ޔަމާލްގެ ވިސްނުން ހުރީ އެއަށްވުރެ ތަފާތުކޮށެވެ.
"ސްޕެއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ، އެއްވެސް މީހަކު ހަނދާނެއް ނުހުންނާނެ އަހަރެން ޖެހި ލަނޑުގެ އަދަދެއް. އެންމެ މުހިންމު ކަމަކީ ޓީމު މޮޅުވުން،" މެޗަށް ފަހު ޔަމާލް ބުންޏެވެ. "އަހަރެންވެސް ބޭނުންވޭ ލަނޑު ޖަހަން. އެކަމަކު މެޗަށް ނުކުންނައިރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޓީމު މޮޅުކުރުމަށް. ލަނޑެއް ނުޖެހިޔަސް، ޓީމު މޮޅުކޮށްދިނުމަށް އެހީވެވިދާނެ."
އުމުރުން 18 އަހަރުގެ ޔަމާލަށް ރޭގެ މެޗަކީ ވޯލްޑް ކަޕްގައި ކުޅުނު ހަ ވަނަ މެޗެވެ. މީގެ ކުރިން 18 އަހަރު ނުވަތަ އެއަށްވުރެ ހަގު ކުޅުންތެރިއެއް ވޯލްޑް ކަޕްގައި މި އަދަދަށް މެޗު ކުޅެފައެއް ނުވެއެވެ. މިއީ ޔަމާލްގެ ޒުވާން ކެރިއަރުގައި ހޯދި އިތުރު ތާރީޚީ ކާމިޔާބީއެކެވެ.
2024 ވަނަ އަހަރު ސްޕެއިން ޔޫރޯ ކާމިޔާބުކުރިއިރު، ޔަމާލްގެ އުމުރަކީ އެންމެ 16 އަހަރެވެ. އެ މުބާރާތުގައިވެސް ޔަމާލް ޖެހީ އެންމެ ލަނޑެކެވެ. އެއީ ސެމީ ފައިނަލްގައި ފްރާންސް ކޮޅަށް ޖެހި ލަނޑެވެ.
"މީހުންނަށް ވިސްނިފައި އޮންނަނީ އަހަރެން ވަރަށް ގިނަ ލަނޑު ޖަހަންޖެހޭނޭ. އެކަމަކު ޔޫރޯ ސްޕެއިން ކާމިޔާބުކުރިއިރު، އަހަރެން ޖެހީ އެންމެ ލަނޑެއް. މި މުބާރާތުގައިވެސް ޖެހީ އެންމެ ލަނޑެއް. އެކަމާ އަހަރެން ފިކުރެއް ނުކުރަން،" ޔަމާލް ބުންޏެވެ.
ސެމީ ފައިނަލްގައި ސްޕެއިން ނުކުންނާނީ މުބާރާތުގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް ފްރާންސްއާ ދެކޮޅަށެވެ. މިއީ ފަސޭހަ މެޗެއް ނޫން ނަމަވެސް، ޔަމާލްގެ ވިސްނުމުގައި މި މެޗަކީ ޓީމަށް "ބިރު ގަންނަންޖެހޭ" މެޗެއް ނޫނެވެ.
"ދެ ގޮތަކުން ކުރެ އެއް ގޮތެއް އޮތީ. އެއް ގޮތަކީ ފްރާންސް ޖެހިޖެހިގެން ތިން ވަނަ ފަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުން. ދެ ވަނަ ގޮތަކީ ސްޕެއިން ފްރާންސް އަތުން ޖެހިޖެހިގެން ތިން ވަނަ މޮޅު ހޯދުން،" ޔަމާލް ބުންޏެވެ.
ސްޕެއިނާއި ފްރާންސް ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.
ކޮމެންޓު ފޮނުވާ