ރަޔަންއެއާގެ ބޯޓެއްގެ ކުޑަދޮރު ތެޅި، ފަސިންޖަރަކު ބޭރަށް ދަމައިގަންނަން އުޅުނު ނުރައްކާތެރި ހާދިސާއެއް

ރަޔަންއެއާގެ ބޯޓެއްގެ ކުޑަދޮރު ތެޅި، ފަސިންޖަރަކު ބޭރަށް ދަމައިގަންނަން އުޅުނު ނުރައްކާތެރި ހާދިސާއެއް

Author
އަހުމަދު
11 ޖުލައި 2026 04:22
0

ޔޫރަޕްގެ އެންމެ ބޮޑު އެއާލައިން، ރަޔަންއެއާގެ މަތިންދާބޯޓެއްގެ ކުޑަދޮރުގެ ބިއްލޫރި ވައިގެ ތެރޭގައި ތެޅި، ކައިރީގައި އިން ފަސިންޖަރު ބޭރަށް ދަމައިގަންނަން އުޅުނު ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

ރަޔަންއެއާއިން ބުނިގޮތުގައި، މި ހާދިސާ ހިނގީ އިއްޔެ ހެނދުނު ގްރީސްގެ ތެސަލޮނީކީއިން ޖަރުމަނުގެ މެމިންގޭންއަށް ދަތުރުކުރި ފްލައިޓެއްގައެވެ. ޓްރެކިން ޑޭޓާއިން ދައްކާ ގޮތުގައި، ބޯޓު ނައްޓާލިތާ ގާތްގަނޑަކަށް 10 މިނެޓް ފަހުން ބިއްލޫރިގަނޑު ތެޅި ގެއްލުންވިއިރު، އޭގެ ސަބަބުން އުމުރުން 61 އަހަރުގެ ސާބިއާ ފަސިންޖަރެއްގެ ބޮލާއި ކޮނޑު ކުޑަދޮރުން ބޭރަށް ދަމައިގަނެވުނެވެ. ސީޓް ބެލްޓް އަޅައިގެން އިނުމުން އޭނާގެ ފުރާނަ ސަލާމަތްވި އިރު، ކައިރީގައި ތިބި އެހެން ފަސިންޖަރުން ވެގެން އޭނާ ބޯޓު ތެރެއަށް ދަމައި ވެއްދި ކަމަށް، ބީބީސީއަށް ދިން ބަޔާނުގައި ފަސިންޖަރުން ކިޔައިދީފައިވެއެވެ.

ބޯޓުގައި ހުރި ކްރިސްޓީނާ ނަމަކަށް ކިޔާ ފަސިންޖަރެއް ބުނީ، ބިއްލޫރި ތަޅައިގެންދިޔައިރު ބާރު އަޑެއް އިވުނު ކަމަށާއި، ފުރަތަމަ ހީވީ އެކްސިޑެންޓެއްގައި މީހަކު އެމަޖެންސީ ދޮރު ހުޅުވައިލީ ކަމަށެވެ. "ކުއްލިއަކަށް އޮކްސިޖަން މާސްކުތައް ތިރިއަށް ވެއްޓި، ވަރުގަދަ ވަހެއް ދުވި. އެއް ފަސިންޖަރެއްގެ ބޮލާއި ކޮނޑު އޮތީ ކުޑަދޮރުން ބޭރުގައި،" އޭނާ ކިޔައިދިނެވެ.

ހާދިސާ ހިނގުމާ ގުޅިގެން ބޯޓު އަނބުރާ ގްރީސްގައި އިމަޖެންސީގައި ޖައްސާފައިވާ ކަމަށާއި، ޒަހަމްވި ފަސިންޖަރަށް ގްރީސްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަ ކަމަށް އެ އެއާލައިނުން ބުންޏެވެ. ބާކީ ފަސިންޖަރުން ފަހުން އެހެން ފްލައިޓެއްގައި ޖަރުމަނަށް ފޮނުވާލާފައިވާއިރު، ރިޕޯޓުތަކުގައި ބުނާގޮތުން އިތުރު އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ބީބީސީން ރިޕޯޓުކުރި ގޮތުގައި، މި ހާދިސާ ހިނގި މަތިންދާބޯޓަކީ 18 އަހަރު ވެފައިވާ، ރަޔަންއެއާގެ ސަބްސިޑަރީ "މޯލްޓާ އެއާ"އިން އޮޕަރޭޓްކުރި ބޯޓެއް ކަމަށް ބެލެވެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.