ފީފާ ވޯލްޑް ކަޕްގެ ފޯރީގައި ބަންގްލަދޭޝުގައި ހިނގި ހަމަނުޖެހުންތަކާއި ހާދިސާތަކުގައި މަދުވެގެން 12 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
ވޯލްޑް ކަޕަށް އާދަޔާ ހިލާފު ސަޕޯޓެއް އޮންނަ ބަންގްލަދޭޝުގައި، މި މަރުތައް ގުޅިފައިވަނީ ބޮޑަށް ބްރެޒިލާއި އާޖެންޓީނާގެ ސަޕޯޓަރުންގެ މެދުގައި އުފެދޭ ދެބަސްވުންތަކާ އެވެ. މީޑިއާ ރިޕޯޓްތަކުން ބުނާގޮތުން، މެޗުތަކުގެ ނަތީޖާ ނުކުންނަ ކޮންމެ ފަހަރަކު ގައުމުގެ އެކި ސަރަހައްދުތަކުގައި ޒުވާބުތަކާއި މާރާމާރީތައް ދަނީ ހިނގަމުންނެވެ. މީގެ ތެރެއިން އެންމެ ސަމާލުކަން ލިބިފައިވާ ހާދިސާއަކީ އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި މެޗަށްފަހު 38 އަހަރުގެ ފިރިހެނަކު ތަޅައި މަރާލި ހާދިސާ އެވެ. އެ މެޗުގައި މެސީ ޖެހި ޕެނަލްޓީ ގޯލަށް ނުވަދެ ދިޔުމުން ފެށުނު ޒުވާބެއް ފަހުން ބަދަލުވީ ފުރާނައަށް ނުރައްކާވި މާރާމާރީއަކަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ދަނީ އެކި ސަރަހައްދުތަކުގައި ރެއިޑްތައް ހިންގައި ތުހުމަތުކުރެވޭ މީހުން ހޯދަމުންނެވެ.
ޑާކާގެ އަދާބަރު ސަރަހައްދުގައި ބްރެޒިލް މޮޅުވެގެން އުފާ ފާޅުކުރި ބަޔަކާއި އިދިކޮޅު ސަޕޯޓަރުންނާ ދެމެދު ހިނގި ޒުވާބެއް ހުއްޓުވަން މެދުވެރިވި ސިޔާސީ ޕާޓީއެއްގެ އިސް މީހެއް ކަމަށްވާ އަބުލް ބަޝާރު ބާދްޝާ ވެސް ވަނީ އެ ހަމަނުޖެހުމުގެ ތެރޭގައި މަރާލައިފަ އެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މާރާމާރީގެ އިތުރުން ޓީމުތަކުގެ ބޮޑެތި ދިދަތައް ހަރުކުރުމުގެ މަސައްކަތުގައި ހައި-ވޯލްޓޭޖް ކަރަންޓު ވައިރުތަކުގައި ޖެހި ތިން ޒުވާނަކު މަރުވެފައިވާއިރު، މޮޅުވި ޓީމުތަކުގެ ސަޕޯޓަރުން މަގުތަކުގައި ބޭއްވި ވެހިކަލްބުރުތަކުގައި ހިނގި އެކްސިޑެންޓްތަކުގައި ވެސް ބައެއް މީހުންގެ ފުރާނަ ވަނީ ގެއްލިފަ އެވެ.
ހާލަތު ގޯސްވަމުން ދިޔުމާ ގުޅިގެން ޑާކާ މެޓްރޯޕޮލިޓަން ފުލުހުން ވަނީ ބޮޑު ސްކްރީންތަކުގައި މެޗު ދައްކާ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ. ބަންގްލަދޭޝުގެ ސްޓޭޓް މިނިސްޓަރު އަމީނުލް ހައްގު ވަނީ ވޯލްޑް ކަޕަކީ ހަމައެކަނި އުފާވެރިކަމާއި މުނިފޫހިފިލުވުމުގެ ހަރަކާތެއްގެ ގޮތުގައި ބާއްވައި، ލޭ އޮހޮރުވުންތަކާއި ހަމަނުޖެހުންތައް ހުއްޓާލުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕާ ގުޅިގެން ވެސް ބަންގްލަދޭޝުން 23 މީހުން މަރުވި ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.
ކޮމެންޓު ފޮނުވާ