އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ބުރާސްފަތި ދުވަހުގެ ރޭ ހިނގި ކަނޑުމަތީގެ އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލައިގެން ދިޔަ އުޅަނދު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި، މި އެކްސިޑެންޓު ހިނގާފައި ވަނީ 'ލީޖަން 1′ ނަމަކަށް ކިޔާ ލޯންޗަކާއި އެހެން އުޅަނދެއް ޖެހިގެންނެވެ. މި ހާދިސާގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ލޯންޗުގައި ތިބި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އަނިޔާވި މީހުންގެ ތެރޭގައި ހަތަރު ބިދޭސީ ފިރިހެނުންނާއި އެއް ދިވެހި ފިރިހެނަކު ހިމެނެ އެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި، އެކްސިޑެންޓު ހިނގުމަށްފަހު އަނެއް އުޅަނދު މަޑުނުކޮށް ސަރަހައްދު ދޫކޮށް ވަނީ ގޮސްފަ އެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށާއި، ފިލައިގެން ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތް މެރިން ޕޮލިހުން ކުރިއަށް ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.
ކޮމެންޓު ފޮނުވާ