އެމެރިކާގެ ރައީސް އަވަހާރަކޮށްލަން އީރާނުން މަސައްކަތްކޮށްފި ނަމަ، އެ ގައުމު މުޅިން ސުންނާފަތިކޮށްލާނެ ކަމުގެ ވަރުގަދަ އިންޒާރެއް ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ދެއްވައިފި އެވެ.
ޓްރަމްޕުގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އެމެރިކާގެ ރައީސް، އެ ބޭފުޅާ އަވަހާރަކޮށްލަން ނުވަތަ އެފަދަ ކަމެއް ކުރަން އީރާނު ސަރުކާރުން މަސައްކަތްކޮށްފި ނަމަ، އެ ގައުމަށް އަމާޒުކޮށްފައިވާ 1،000 މިސައިލް ތައްޔާރީ ހާލަތުގައި ހުރި ކަމަށެވެ. އަދި އޭގެ ފަހަތުން ވަގުތުން ފޮނުވާލެވޭ ގޮތަށް އެތައް ހާސް މިސައިލެއް ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓްރަމްޕު އިތުރަށް ވިދާޅުވި ގޮތުގައި، އީރާނުގެ ހުރިހާ ސަރަހައްދެއް ސުންނާފަތިކޮށްލުމުގެ އަމުރު މިހާރު ވެސް ވަނީ ދީފަ އެވެ. އެއީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ދީފައިވާ އަމުރެއް ކަމަށާއި، ބޭނުންވެއްޖެ ނަމަ އެ މުއްދަތު އިތުރު ކުރެވޭ ގޮތަށް، އެމެރިކާގެ ސިފައިން ތިބީ ފުރިހަމަ ތައްޔާރީ ހާލަތެއްގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޓްރަމްޕުގެ މި އިންޒާރު އައިސްފައި ވަނީ، އޭނާ އަވަހާރަކޮށްލުމަށް އީރާނުން މުޅިން އަލަށް "ވަކި ހާއްސަ" ރޭވުމެއް ރާވަމުންދާ ކަމުގެ ޖާސޫސީ މައުލޫމާތު އިޒްރޭލުން މި ހަފުތާގައި އެމެރިކާއާ ހިއްސާކުރި ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުރާސްފަތި ދުވަހު ރިޕޯޓްކުރި ފަހުންނެވެ. ސީއެންއެންގެ ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ ބުނެފައި ވަނީ، ޓްރަމްޕުގެ ފުރާނަ ގެއްލުވާލުމަށް ރޭވުންތައް ރޭވެމުންދާ ކަމުގެ މައުލޫމާތު ސިލްސިލާކޮށް ބަލަމުން ދިޔަ ނަމަވެސް، އިޒްރޭލުން މި ފަހަރު ދިން އިންޒާރަކީ މުޅިން އާ އަދި ވަކި ހާއްސަ ރޭވުމަކާ ގުޅޭ މައުލޫމާތެއް ކަމަށެވެ.
ޓްރަމްޕުގެ ފުރަތަމަ ރިޔާސީ ދައުރުގައި، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އީރާނުގެ މަޝްހޫރު ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލަން އޭނާ އަމުރު ކުރެއްވުމާ ގުޅިގެން، އެކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ބުނަމުންދާތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ.
ނޭޓޯ ސަމިޓް ނިންމަވާލެއްވުމަށް ފަހު އެއާ ފޯސް ވަން ބޯޓުގައި ގައުމަށް އެނބުރި ވަޑައިގަންނަވަމުން ބުދަ ދުވަހު ޓްރަމްޕު ނޫސްވެރިންނަށް ވެސް ވަނީ މި މައުޟޫގައި ވާހަކަ ދައްކަވައިފަ އެވެ. "އެ މީހުން ބޭނުންވަނީ އެމެރިކާގެ ލީޑަރު، އަހަރެން ނައްތާލަން. އަހަރެން އޮތީ ކޮންމެވެސް ލިސްޓެއްގައި. މިއަދު ހެނދުނު އަހަރެން ދުށިން އެ މީހުންގެ ކޮންމެ ލިސްޓެއްގެ ކުރީގައި އަހަރެން އޮތްތަން،" ޓްރަމްޕު ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ