ކީރިތި ޤުރްއާން ކިޔެވުމަކީ އިންސާނާގެ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީގެ އަސްލު ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން" މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި، ކީރިތި ޤުރްއާނަކީ އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތްކަން ފާހަގަކޮށްފައިވެއެވެ. އަދި އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، މާނަތަކާ މެދު ފިކުރުކޮށް، ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއް ނުވާނޭ، ފައިދާ ބޮޑު ވިޔަފާރިއެއްގައި ދެމިހުރި މީހެއް ކަމަށް ޚުޠުބާގައި ސިފަކުރިއެވެ.
ޤުރްއާން ތިލާވަތު ކުރުމަކީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ މާތް އަޅުކަމެއް ކަމަށާއި، އެއީ ބަލިތަކަށް ޝިފާއެއް ކަމުގައި ވެސް ޚުޠުބާގައި ބުނެފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ﷲގެ ފޮތް ކިޔަވައި، އަދި ނަމާދު ޤާއިމުކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށް އުޅޭ މީހުންނީ، ގެއްލުން ނުވާނޭ ވިޔަފާރިއަކަށް އެދޭ ބައެކެވެ."
ޚުޠުބާގައި އިތުރަށް ބުނިގޮތުގައި، ޤުރްއާން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމުގެ ޘަވާބު ލިބިގެންވެއެވެ. މިކަން ބަޔާންކުރަމުން، ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނަ ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އެއީ "ا لـم" އަކީ އެއް އަކުރެއް ނޫން ކަމަށާއި، ނަމަވެސް އަލިފަކީ އަކުރެއް ކަމަށާއި، ލާމަކީ އަކުރެއް ކަމަށާއި، މީމަކީ ވެސް އަކުރެއް ކަމަށާއި، ކޮންމެ އަކުރަކަށް ދިހަ ހެޔޮކަން ލިބޭނެ ކަމުގައެވެ.
ޤުރްއާން ކިޔަވައި، އޭގެ މާނައަށް ފިކުރު ހިންގާ މީހުންގެ ވަށައިގެން މަލާއިކަތުން ޙާޟިރުވެވަޑައިގެން ހެޔޮ ދުޢާކުރައްވާނެ ކަމަށާއި، ޝައިޠާނާގެ ވަސްވާސްތަކުން އެބައިމީހުންނަށް ރައްކާތެރިކަން ލިބި، މާތް ﷲގެ ރަޙުމަތާއި ފާފަފުއްސެވުމުގެ ހިޔާވަހިކަން ލިބިގެންދާނެ ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން، މިސްކިތްތަކުގައި ޤުރްއާން ކިޔަވައި އުނގެނޭ މީހުންގެ މައްޗަށް ހިތްހަމަޖެހުމާއި މަޑުމޮޅިކަން ފައިބާނެ ކަން ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާއި ޤުރްއާނާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލަމުން، اَلْإِمَام اِبْنُ الْقَيِّم ގެ ބަސްފުޅެއް ވެސް ޚުޠުބާގައި ވަނީ ހިމަނާފައެވެ. އެއީ ހިތުގެ ބާރު ގަދަވީ ވަރަކަށް ހަށިގަނޑުގެ ބާރާއި ދިރުން އިތުރުވާ ކަމަށާއި، ﷲ ހަނދުމަކުރުމުން، ކުރިން އުނދަގޫވާނެ ކަމަށް ހީވި ކަންކަން ވެސް ފަސޭހަކަމާއެކު ފުރިހަމަކުރުމުގެ ތައުފީޤު ލިބޭނެ ކަމުގައެވެ.
ޚުޠުބާ ނިންމާލަމުން، ޤުރްއާން ކިޔެވުމުގައި ހުނަރުވެރި މީހުންނަށާއި، އުނދަގުލާއެކު ކިޔަވާ މީހުންނަށް ވެސް މާތް ﷲ ދަރުމަ ދެއްވާނެކަން ވަނީ ހަނދާންކޮށްދީފައެވެ. ހުނަރުވެރިކަމާއެކު ކިޔަވާ މީހާ މާތް މަލާއިކަތުންނާ އެކުގައި ވާއިރު، އުނދަގުލާއެކު އަޅައަޅައިގަނެގެން ކިޔަވާ މީހާއަށް ދެ ދަރުމަ ލިބިގެންވާ ކަން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުން ސާބިތުވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ