ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުމުގެ ކުރިމަގު ބިނާވެފައި ވަނީ މާލީ ދާއިރާގައި ހުޅުވިފައި ހުރި ފުރުޞަތުތަކުގެ މައްޗަށް ކަމަށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ގެނެސްދޭ "ޓްރޭޑް ޑެސްކް ބައި އަނާ" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އެންމެ ބޮޑަށް ފުޅާވެގެންދާނީ ފިންޓެކާއި، ހަކަތަ ފޯރުކޮށްދިނުމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފަދަ މާލީ ދާއިރާގެ ފަންނިއްޔާތުގެ ތެރެއިން ކަމަށެވެ. ޚާއްޞަކޮށް ޔޫ.ޕީ.އައި ފަދަ ފިންޓެކް ނިޒާމުތައް ރާއްޖޭގައި ޤާއިމުކުރުމަށްޓަކައި ދިވެހި ސަރުކާރާއި "ޕޭމަންޓް މޯލްޑިވްސް" އާއެކު ގާތުން މަޝްވަރާ ކުރަމުންދާ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރު ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި މިހާރުވެސް ގިނަ އިންވެސްޓްމަންޓްތަކެއް ވަނީ ކޮށްފައެވެ. ބ. އަތޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ އިންޑިއާގެ ކުންފުންޏެއް މިހާރުވެސް އޮތްއިރު، މިއަހަރުގެ ތެރޭގައި އެ ދާއިރާއިން އިންޑިއާގެ އިތުރު ކުންފުންޏަކުން ދިވެހި ބާޒާރަށް ވަނުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގައި ރިސޯޓް ތަރައްޤީކުރުމަށްޓަކައި އިންޑިއާގެ 6 ނުވަތަ 7 ކުންފުންޏެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ސަފީރު ހާމަކުރެއްވިއެވެ.
ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމަށްޓަކައި ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީއެއް އެކުލަވާލުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ. ހަމައެއާއެކު، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށި، "ޓާމްސް އޮފް ރިފަރެންސް" ގައި މިހާރު ސޮއިކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސާކްގެ އޮނިގަނޑުގެ ދަށުން މިހާރު އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބަދަލުގައި، ދެ ޤައުމުގެ އަމާޒަކީ "ސަފްޓާ ޕްލަސް" ފެންވަރުގެ ދޭދޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުން ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. މި ފަދަ އެއްބަސްވުމަކުން ދިވެހި އަދި އިންޑިއާގެ ވިޔަފާރިވެރިންނަށް މުދަލާއި ޚިދުމަތް އެކްސްޕޯޓް ކުރުމުގައި ހުރި ހުރަސްތަކަށް ދާއިމީ ޙައްލެއް ލިބި، ބޯޑަރު ހުރަސްކޮށް ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް އިންޑިއާއަށް އެކްސްޕޯޓް ކުރުމުގައި މިހާރުވެސް އެއްވެސް ޑިއުޓީއެއް ނުނަގާކަން ސަފީރު ބާލަސުބްރަމާނިއަން ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ