މާލޭގެ މައި މަގުތަކުގެ ތެރޭގައި ހިމެނޭ އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ސަރުކާރުން ހަވާލުކޮށްފިއެވެ.
ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން އަމީނީމަގުގެ އިތުރުން އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގުވެސް މަރާމާތުކުރާނެއެވެ. މި މަސައްކަތްތައް އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ ފާއިތުވި ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
ވުޒާރާއިން ބުނިގޮތުގައި، މަގުމަތީގެ މަރާމާތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށްޓަކައި ބޭނުންވާ ތައްޔާރީތައް އެމްޓީސީސީން މިހާރު ދަނީ ވަމުންނެވެ. މީގެ އިތުރުން، މި މަޝްރޫއުގައި ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓުގެ ޑިޒައިނަށްވެސް ބައެއް ބަދަލުތައް ގެންނާނެއެވެ.
އަމީނީމަގަކީ ތާރު އަޅައިގެން ތަރައްގީކުރި މަގެއް ނަމަވެސް، ފާއިތުވި ދުވަސްތަކުގައި މަގުގެ އެކި ސަރަޙައްދުތަކުން ތާރުގަނޑު ވަނީ އުފުލި ބޮޑެތި ގެއްލުންތައް ލިބިފައެވެ. ޚާއްސަކޮށް މަގުގެ ހުޅަނގު ފަރާތަށްވީ ބައި ވަނީ ބޮޑަށް ހަލާކުވެފައެވެ.
މިހާރު ހަލާކުވެފައިވާ ސެގްމަންޓް 11 އާއި 12ގެ މަސައްކަތް އެންމެ ފުރަތަމަ ނިންމައި މަގު ހުޅުވާލީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. އަދި މިދިޔަ އަހަރުގެ ކުރީކޮޅު، މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުގެ ބައެއްގައި ތާރުގަނޑު މަރާމާތުކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ކޮމެންޓު ފޮނުވާ