މާލެ ސިޓީ ކައުންސިލްގެ އޮޑިޓް ކޮމިޓީގެ ޗެއާކަމަށް ހަމަޖެއްސުމާއެކު އުފެދުނު ފާޑުކިޔުންތަކާ ގުޅިގެން، ހުޅުމާލެ މެދު ދާއިރާގެ ޕީއެންސީގެ ކައުންސިލަރު އަހުމަދު ސަނީހު ހަނީފު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އޭނާ އިސްތިއުފާ ދެއްވީ ޗެއާކަމަށް ހަމަޖެއްސިތާ އެންމެ ދުވަހެއްގެ ތެރޭގަ އެވެ.
ސަނީހު އިސްތިއުފާ ދެއްވިކަން މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު 'ދައުރު’އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
ސަނީހަކީ ކުރިން އެޗްޑީސީގެ ޗީފް ރިއަލް އެސްޓޭޓް އޮފިސަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ދޫކޮށްފައިނުވާ މީހަކަށް އެ ކުންފުނީގެ ތެރެއިން ބިން ދޫކުރި މައްސަލައާ ގުޅިގެން، އޭނާ އެ ވަޒީފާއިން ވަކިކުރި އެވެ. އެފަދަ ބޮޑު ތުހުމަތެއް އޮތް ބޭފުޅަކާ ސިޓީ ކައުންސިލްގެ އޮޑިޓް ކޮމިޓީގެ އެންމެ އިސް މަގާމު ހަވާލުކުރުމުން، ކައުންސިލްގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ.
ފާޑުކިޔުންތައް ސީދާ އަމާޒުވި އެއް ބޭފުޅަކަށް ވެގެންދިޔައީ އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް އިންތިހާބުވި އާދަމް އާޒިމް އެވެ. މޭޔަރު ކަމުގައި ރައީސް މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު ސިޓީ ކައުންސިލްގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި ކަންކަން ހިނގާފައިވާ ކަމުގެ ތުހުމަތުތައް ހާމަކުރުމަކީ މިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންވި އެންމެ މުހިއްމު އެއް ވައުދެވެ. އެހެންކަމުން، ކޮރަޕްޝަންގެ ތުހުމަތު ހުރި ބޭފުޅަކާ، އަދި އެ މަގާމަށް ޕީއެންސީގެ ބޭފުޅަކާ އޮޑިޓް ކޮމިޓީގެ ޗެއާކަން ހަވާލުކުރުމަކީ އެ ވައުދާ ދިމާ އިދިކޮޅު ފިޔަވަޅެއްގެ ގޮތުގައި ބައެއް ބޭފުޅުން ސިފަކުރެއްވި އެވެ.
ސިޓީ ކައުންސިލްގައި މި ވަގުތު އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެކެވެ. ދެ ކައުންސިލަރުން ފިޔަވައި ދެން ތިއްބެވީ ހުސް އެމްޑީޕީގެ ކައުންސިލަރުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކައުންސިލްތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓަކާއި ކުލީގެ އާމްދަނީ ލިބޭ މާލެ ސިޓީ ކައުންސިލުގެ އޮޑިޓް ކޮށްފައިވަނީ ވަރަށް މަދު ފަހަރަކު އެވެ. ސިޓީ ކައުންސިލްގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓް އާންމުކުރީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން އެތެރޭގެ އޮޑިޓެއް ހެދި ނަމަވެސް، އެ ރިޕޯޓްގެ ބައެއް މައުލޫމާތު ހާމަނުކުރަން އިންފޮމޭޝަން އޮފިސަރު މި ހަފްތާގައި ނިންމި މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ. އެ މައްސަލައާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވެފައިވަނީ އެއީ ސިޓީ ކައުންސިލާ މަޝްވަރާނުކޮށް އިންފޮމޭޝަން އޮފިސަރު އަމިއްލައަށް ނިންމެވި ނިންމެވުމެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ