ކޯރުކެނޑިމަގުން ފެނުނު 15 ޑޮލަރާއެކު ގިނަ ތަކެއްޗެއްގެ ވެރިން ހޯދަން ފުލުހުން އިއުލާނުކޮށްފި

ކޯރުކެނޑިމަގުން ފެނުނު 15 ޑޮލަރާއެކު ގިނަ ތަކެއްޗެއްގެ ވެރިން ހޯދަން ފުލުހުން އިއުލާނުކޮށްފި

Author
އަހުމަދު
10 ޖުލައި 2026 11:44
0

މާލޭގެ ކޯރުކެނޑިމަގުން މީހަކަށް ފެނިގެން ފުލުހުންނާ ހަވާލުކުރި 15 ޑޮލަރުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ފެނިގެން ފުލުހުންނާ ހަވާލުކުރި މި ޑޮލަރުތައް މިހާރު އޮތީ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ކަމަށާއި، މިއީ 692309 ނަންބަރު އިންސިޑެންޓެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން ވެސް، އެކި ސަރަހައްދުތަކުން ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ އެތައް ތަކެއްޗެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.

އެގޮތުން، ޖޫން 30 ވަނަ ދުވަހު ބޮޑުތަކުރުފާނުމަގުގައި ހުންނަ އެމްއެންޑީއެފް ގަރާޖު ކައިރިން ފެނިގެން ގެނެސްފައިވާ ޓޫލްސްތަކަކާއި، މިދިޔަ އަންގާރަ ދުވަހު ހިލާލީމަގުން ފެނިގެން ގެނެސްފައިވާ މޯޓަރެއް ވެސް ގަލޮޅު ޕޮލިސް ސްޓޭޝަންގައި އެބަހުއްޓެވެ. މި ތިން ތަކެއްޗާ ވެސް ހަވާލުވުމަށް ގުޅަން ޖެހޭ ނަންބަރަކީ 9631696 އެވެ.

ހަމައެއާއެކު، ޖޫން 30 ވަނަ ދުވަހު ގްރީން ބިލްޑިން ކައިރިން ފެނިގެން ގެނެސްފައިވާ ދެ ކަރުދާސް ރީމް މާފަންނު ޕޮލިސް ސްޓޭޝަންގައި އެބަހުރި ކަމަށާއި، 692418 ނަންބަރު އިންސިޑެންޓްގައި ހިމެނޭ މި ތަކެއްޗާ ގުޅޭ މައުލޫމާތު ސާފުކުރުމަށް 9660183 އަށް ގުޅުމަށް ފުލުހުން އެދިފައިވެއެވެ. މީގެ އިތުރުން، މި މަހުގެ އެއް ވަނަ ދުވަހު ބީއެމްއެލްގެ ހެޑް އޮފީސް ކައިރިން ފެނިގެން ގެނެސްފައިވާ 190 ރުފިޔާގެ ވެރިފަރާތް ވެސް ދަނީ ހޯދަމުންނެވެ.

ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ވެރިއަކު ނެތް މިދިލި އޮށް ފޮށިގަނޑެއް އޮތްއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ދޭއް ކައިރިއަށް ދަތުރުކުރި ޓެކްސީއަކުން ފެނިގެން ގެނެސްފައިވާ ތަޅުދަނޑިފައްޗެއް ވެސް އެއާޕޯޓް ޕޮލިސްގެ ބެލުމުގެ ދަށުގައި އެބައޮތެވެ. މި ތަޅުދަނޑިފައްޗާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ގުޅަން ޖެހެނީ 9400056 އަށެވެ.

މި ތަކެއްޗާ ހަވާލުވުމަށް، ކަނޑައެޅިފައިވާ ފޯނު ނަންބަރުތަކަށް ގުޅައި، އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށްފަހު، ކާކުކަން އަންގައިދޭ ލިޔުމަކާއެކު ކަމާގުޅޭ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.