މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަމުންދިޔަ "ޖަޒީރާ" ބޯޓު ވ. ފެލިދޫ ހުޅަނގު ކަނޑަށް ދިޔަވާން ފެށުމުން، އެ ބޯޓުން ދަތުރުކުރި އެންމެން ސަލާމަތްކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، ބޯޓު އަޑިއަށްދާކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މެންދުރުފަހު 15:26 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ސަލާމަތީ އޮޕަރޭޝަނެއް ފަށާ، ބޯޓުގައި ތިބި 7 މީހުން ފެލިދޫއަށް ގެންގޮސްފައިވާއިރު، އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.
ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހި ފިރިހެނުންނާއި 4 ބިދޭސީ އަންހެނުންނެވެ. ބިދޭސީ އަންހެނުންގެ ޤައުމިއްޔަތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ދިޔަވި ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންނެވެ. ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބޯޓުގެ ބައެއް ސާމާނު ކަނޑުމަތީގައި އޮޔާއެކު ދަތުރުކުރަމުންދާތީ، އެ ސަރަޙައްދު ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް، ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ބެހެއްޓުމަށްވެސް އެ އިދާރާއިން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ