ރާއްޖޭގައި އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އާމިނަތު ފަޒްނާ މިއަދު ނިޔާވެއްޖެއެވެ.
ގދ. ގައްދޫ، ކަށިކެޔޮމާގެއަށް އުފަން، އުމުރުން 47 އަހަރުގެ ޑރ. ފަޒްނާއަކީ އައިޖީއެމްއެޗުގައި މަސައްކަތް ކުރެއްވި ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެކެވެ. އެނގިފައިވާ ގޮތުގައި، ނިޔާވުމުގެ ދުވަސްކޮޅެއް ކުރިން ފެށިގެން އޭނާ ގެންދެވީ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯއްދަވަމުންނެވެ. ނަމަވެސް އޭނާ ނިޔާވި ސީދާ ސަބަބެއް އަދި ހާމައެއް ނުވެއެވެ.
ޑރ. ފަޒްނާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތައުޒިޔާ ދަންނަވާފައެވެ. ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްސަ ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވަން ފެއްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އާމިނަތު ފަޒްނާ ނިޔާވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗް.ގެ ހުރިހާ މުވައްޒަފުންނަށް އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
”މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާށި! އާމީން،“ ރައީސް ވިދާޅުވިއެވެ.
ޑރ. ފަޒްނާ، އެމްބީބީއެސް ނިންމެވުމަށް ފަހު، ސްޕެޝަލައިޒް ވެގެން އައިޖީއެމްއެޗާ އަލުން ގުޅިވަޑައިގަތީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން 2021 ވަނަ އަހަރު މެލޭޝިއާ އަށް ވަޑައިގެން ކެބަންސާން ޔުނިވާސިޓީގައި ދެ އަހަރު ދުވަހު ކިޔަވައި ވިދާޅުވި އެވެ. އެއަށްފަހު އެމެރިކާގެ ކެލިފޯނިއާ ޔުނިވާސިޓީގައި، އޯޓިޒަމް ފަދަ ބަލިތައް ދެނެގަތުމަށް ހާއްސަ ޑިވޮލޮޕްމަންޓަލް ޕީޑިއެޓްރީޝަން ދާއިރާއިން ކިޔަވާ ވިދާޅުވެ، ތަމްރީނު ފުރިހަމަކުރެއްވުމަށްފަހު ބަލި މީހުން ބެއްލެވުމުގެ މަސައްކަތް އަލުން ފެއްޓެވީ 2024 ވަނަ އަހަރުއެވެ.
ޑރ. ފަޒްނާ ނިޔާވިއިރު، އޭނާގެ ދެ އަންހެން ދަރިން ދުނިޔޭގައި އެބަތިއްބެވެ.
ކޮމެންޓު ފޮނުވާ