މާލޭ ސިޓީ ކައުންސިލްގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން، މާލީ މުއާމަލާތްތަކާއި ރަޖިސްޓްރީ ބެލެހެއްޓުމުގައި އުސޫލާ ޚިލާފު އެތައް ކަމެއް ފެންމަތިވެއްޖެއެވެ.
ބޭރުގެ އޮޑިޓް ފާމަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި އޮޑިޓް، ކައުންސިލުން މިހާރު ވަނީ އާންމުކޮށްފައެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޯޓޭޝަން ހޯދުމުގައި ވަކި ފަރާތްތަކަކަށް މަންފާ ލިބޭގޮތަށް ކަންކަން ބައްޓަންކޮށްފައި އޮތުމެވެ. އޮޑިޓަށް ބެލި 46 ޕޭމަންޓް ވައުޗަރުގެ ތެރެއިން 27 ވައުޗަރު ދޫކޮށްފައިވަނީ ކައުންސިލާ ގުޅުންހުރި ވިޔަފާރިތަކަށްކަން ފާހަގަކޮށްފައިވާއިރު، މި މުއާމަލާތްތަކަށް އެކަނިވެސް 7 ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިފަދަ ކަންކަން ވާދަވެރި މާހައުލެއްގައި ކުރިއަށްގެންދިއުމަށް އޮޑިޓަރު ވަނީ ލަފާ ދީފައެވެ.
މީގެ އިތުރުން، 2020 ވަނަ އަހަރު ކައުންސިލުން ހަދައިދިން ރަޖިސްޓްރީ ފޯމުތަކުގެ ބޮޑު ބައެއް ގެއްލިފައިވާކަން ވެސް އޮޑިޓުން ހާމަވެއެވެ. އޮޑިޓަށް ބޭނުންވި ފޯމުތައް ހޯދަން ބެލިއިރު، ހޯދަން އެދުނު ފޯމުތަކުގެ ދެބައިކުޅަ އެއްބައި ވެސް ނުފެނުނު ކަމަށް ރިޕޯޓުގައި ވެއެވެ. ހަމައެއާއެކު، ކައުންސިލަށް ލިބޭ އާމްދަނީގެ ލިޔެކިޔުންތައް ބެލެހެއްޓުމުގައި ވެސް ބޮޑެތި އިހުމާލުތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. ބިންތަކާ ގުޅޭ ލިޔެކިޔުންތަކުގައި ހިމަނަންޖެހޭ މުހިންމު ނަންބަރުތަކާއި، ބިމުގެ ސަރަހައްދު ފަދަ މައުލޫމާތު ވެސް އެނގެން ނެތްކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
2020 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވީ އެމްޑީޕީގެ ޝިފާ މުހައްމަދެވެ. ޝިފާ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރެއްވި ކަމުގެ ތުހުމަތު، މީގެ ކުރިން ވެސް އެކި ފަރާތްތަކުން ވަނީ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ