ސީރިއާ ނިރުބަވެރި ދައުލަތްތަކުގެ ލިސްޓުން އުނިކުރަން އެމެރިކާއިން ނިންމައިފި

ސީރިއާ ނިރުބަވެރި ދައުލަތްތަކުގެ ލިސްޓުން އުނިކުރަން އެމެރިކާއިން ނިންމައިފި

Author
އަހުމަދު
09 ޖުލައި 2026 04:05
0

ދިގު މުއްދަތެއް ވަންދެން "ނިރުބަވެރިކަމަށް ފާއިތުވާ ދައުލަތެއް"ގެ ގޮތުގައި ލޭބަލްކޮށްފައިވާ ސީރިއާ، އެ ލިސްޓުން އުނިކުރުމަށް އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިއްޔެ ނެރުއްވި ބަޔާނެއްގައި މި ނިންމުމަކީ ސީރިއާގެ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެޅުއްވި "ތާރީޚީ ފިޔަވަޅެއް" ކަމަށް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ސީރިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން، ބައިނަލްއަޤްވާމީ ވިޔަފާރިއާއި އިންވެސްޓްމެންޓުގެ ދޮރު ހުޅުވި، ސީރިއާ އަލުން ބިނާކުރުމުގެ ފުރުޞަތު ފަހިވެ، އެ ޤައުމުގެ ރައްޔިތުންނަށް އައު ބާބެއް ހުޅުވިގެންދާނެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މިކަން ނުހުއްޓުވާނަމަ، ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި މި ފިޔަވަޅަށް އަމަލުކުރަން ފެށޭނެއެވެ. ސީރިއާއިން ދިގު މުއްދަތެއް ވަންދެން އިންތިޒާރު ކުރަމުން އައި މި ނިންމުމަކީ، ތުރުކީގައި ކުރިއަށްދިޔަ ނޭޓޯ ސަމިޓުގެ ހަވާސާގައި ރައީސް ޓްރަމްޕާއި ސީރިއާގެ މިހާރުގެ ރައީސް އަޙްމަދު އަލް-ޝަރާއާ ދެމެދު ބޭއްވުނު ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެކެވެ.

"އަމިއްލަ ނަފްސާއި އަވަށްޓެރި ޤައުމުތަކާއެކު ސުލްޙަވެރި، ހަމަޖެހޭ އަދި އެއްބައިވަންތަ ސީރިއާއެއް އޮތުމުން ފައިދާ ލިބެނީ ހަމައެކަނި އެ ސަރަޙައްދަށް ނޫން، މުޅި ދުނިޔެއަށް،" ރޫބިއޯ ވިދާޅުވިއެވެ.

ބައި ޤަރުނެއްހާ ދިގު މުއްދަތަކަށް އަނިޔާވެރި ވެރިކަމެއް ހިންގެވި ސީރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވައްޓައިލުމަށްފަހު، އެމެރިކާއާއި ސީރިއާއިން ދަނީ ދެ ޤައުމުގެ ގުޅުން އައުކުރުމަށް މަސައްކަތްކުރަމުންނެވެ. ޓްރަމްޕް، އަލް-ޝަރާއާ ބައްދަލުކުރެއްވީ އިސްރާއީލުން ސީރިއާއަށް ތަކުރާރުކޮށް ވައިގެ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ރައީސް، ސީރިއާއާއި އިސްރާއީލާ ދެމެދު ސުލްޙަ ޤާއިމުކުރެއްވުމަށް ކުރިން ޕްރެޝަރު ކުރެއްވި ނަމަވެސް، ފާހަގަކޮށްލެވޭ ކުރިއެރުމެއް އަދި ލިބިފައެއް ނުވެއެވެ.

އަހަރުތަކެއް ވަންދެން ދިގުދެމިގެންދިޔަ ދާޚިލީ ހަނގުރާމައަކަށްފަހު، ސީރިއާ އަލުން ބިނާކުރުމަށް އިޤްތިޞާދީ އެހީތެރިކަން ހޯދުމަށް އެ ޤައުމުން ދަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.