ޣައްޒާގެ ބޮންގޮވުންތަކުގެ އަޑުތަކުގެ ތެރެއިން ސަލާމަތްވެ، ބްރެޒިލަށް ހިޖުރަކުރި އުމުރުން 15 އަހަރުގެ ފަލަސްތީނުގެ ދަރިވަރު ތާލާ މުޙައްމަދު އަވަދު، ބްރެޒިލްގެ މެތަމެޓިކްސް އޮލިމްޕިއާޑުން ރަން މެޑަލް ހާސިލުކޮށްފިއެވެ.
ސައޮ ޕައުލޯ ސްޓޭޓުގެ ސަރުކާރު ސުކޫލުތަކަށް އަމާޒުކޮށްގެން ބޭއްވި މެތަމެޓިކްސް އޮލިމްޕިއާޑް (އޯއެމްއޭއެސްޕީ 2026) ގެ ދެވަނަ މަރުހަލާއިން ތާލާ ހޯދި މި ކާމިޔާބީއާއެކު، ދެން އޭނާ ވާދަކުރާނީ ސްޓޭޓް ފެންވަރުގެ މަރުހަލާގައެވެ. ޣައްޒާއިން ބްރެޒިލަށް ދިޔަ ކުރު މުއްދަތުގެ ތެރޭގައި ޕޯޗުގީޒު ބަސް ދަސްކޮށް، އެ ގައުމުގެ ތަޢުލީމީ ނިޒާމަށް ހޭނި، މިފަދަ ކާމިޔާބީއެއް ހޯދުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން ތާލާ ބުނީ، މިއީ ހަމައެކަނި އޭނާއަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި، ހަނގުރާމައިގެ ސަބަބުން ދަތި ދުވަސްތައް ތަޙައްމަލުކުރަމުންދާ ފަލަސްތީނުގެ ހުރިހާ ކުދިންނަށް ލިބުނު އުންމީދެއް ކަމަށެވެ. "އަޅުގަނޑަކީ ޣައްޒާގެ ފަލަސްތީނު ކުއްޖަކަށް ވެފައި، ހަނގުރާމައިގެ ސަބަބުން ވަރަށް ދަތި ދުވަސްތަކެއް ތަޙައްމަލުކުރަން ޖެހުމުން، މި ކާމިޔާބީގެ މާނަ މާ ބޮޑު،" ތާލާ ބުންޏެވެ. އޭނާ ފާހަގަކުރި ގޮތުގައި، ބްރެޒިލަށް އައިއިރު ބަހުގެ ދަތިކަން ހުރި ނަމަވެސް، މުދައްރިސުންނާއި ކްލާސް ކުދިންގެ އެހީތެރިކަމާއެކު އެ ހުރަސްތައް ފަހަނައަޅައި ދެވުނެވެ.
ޣައްޒާގައި ތިބި ފަލަސްތީނުގެ ކުދިންނަށް މެސެޖެއް ދެމުން ތާލާ ބުނީ، ކޮންމެ ފަދަ ހާލަތެއްގައި ވެސް އުންމީދު ދޫކޮށްނުލުމަށާއި، ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބުރަކޮށް މަސައްކަތް ކުރުމަށެވެ. އޭނާގެ ބައްޕަ މުޙައްމަދު އަވަދު ބުނިގޮތުގައި، މި ކާމިޔާބީއަކީ ހަނގުރާމައިގެ ސަބަބުން އާއިލާއިން ގެއްލިގެންދިޔަ އުފާވެރިކަން އަލުން އަނބުރާ ލިބިގެންދިޔަ ކަމެކެވެ. "ޣައްޒާގައި ބޮން އެޅުމުގެ އަޑުތަކުގެ ތެރޭގައި ބިރުން އުޅުނު ދުވަސްތަކަށްފަހު، މިއަދު ދަރިފުޅު އުފަލުން ހުއްޓާ ފެނުމަކީ ހަނގުރާމައިގެ މައްޗަށް ކުޑަކުއްޖަކު ހޯދި ބޮޑު ނަޞްރެއް،" އޭނާ ބުންޏެވެ.
ބްރެޒިލްގައި ދިރިއުޅުނު ކަމުގައިވިޔަސް، ފަލަސްތީނުގެ ފަސްގަނޑާއި އަމިއްލަ ވަޒަނުގެ ހަނދާންތައް ދަރިންގެ ހިތްތަކުގައި އަބަދުވެސް ދިރިހުންނާނެ ކަމަށް ބައްޕަ ފާހަގަކުރިއެވެ. ތާލާގެ މި ކާމިޔާބީއަކީ، ހަނގުރާމައިގެ އަނިޔާވެރިކަމުގެ ތެރެއިން ވެސް ހިތްވަރާއެކު ތެދުވެ، ދިރިއުޅުމުގައި ކުރިއަށް ދެވިދާނެ ކަމުގެ ދިރިހުރި މިސާލެކެވެ.
ކޮމެންޓު ފޮނުވާ