މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ޑރ.މުހައްމަދު މުއިއްޒުއާއި ސަރުކާރު ހިންގާ އެމްޑީޕީގެ އެކްޓިވިސްޓުން ސޯޝަލް މީޑިޔާގައި ދިމާކޮށް، ފާޑުކިޔަން ފެއްޓުމުން އިދިކޮޅު ލޯޑަރޝިޕުން ވަރުގަދަ ރައްދުތަކެއް ދެއްވައިއެވެ.
އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މާލެއަށް ގެނެސްދެއްވި ގިނަ ތަރައްޤީއަކީ ޑރ.މުއިއްޒުގެ މޭސްތެރިކަމުގެ ދަށުން ގެނެސްދެއްވާފައިވާ ތަރައްޤީކަމަށެވެ. ޑރ.މުއިއްޒަކީ ދައްކާ ކޮންމެ ވާހައަކަށް ރައްދުދީ، ބޭކާރު ކަންކަމަށް ވަގުތު ހޭދަކުރެއްވުމަށްވުރެ ރައްޔިތުންގެ ކަންކަމުގައި އަބަދުވެސް ޝާމިލުވާ ބޭފުޅެއްކަން އެމަނިކުފާނުގެ ވަޒީރު ކަމުގައިވެސް ހާމަކޮށްދެއްވާފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި ޑރ.މުއިއްޒު ހަނުހުންނަވައިގެން މާލެ އަށް ކޮށްދެއްވި ޚިދުމަތަށް އެކަނި ބެލިޔަސް، މާލޭގެ މޭޔާކަމުގެ މަޤާމަށް މުއިއްޒު އާއި ވާދަކުރެވޭނެ ދެވަނަ ބޭފުޅަކު އަތްފުނާއަޅައިގެން ހޯދިޔަސް ނުފެންނާނެ.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
މުއިއްޒުގެ ޚިދުމަތްތަކާއި، ކޮށްދެއްވާފައިވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މުއިއްޒުއަކީ މާލެއާއި ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއާއި ގުޅިފައިވާ އެތައް މަޝްރޫޢުއެއް ހިންގަވައި ދެއްވާފައިވާ ޚިދުމަތްތެރިއެއްކަމަށެވެ. މާލެ ސިޓީ މޭޔަރުގެ މަޤާމަށް މިފަހަރުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ޤާބިލު ކެންޑިޑޭޓަކީ ޑރ.މުއިއްޒުކަމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޑރ މުއިޒުއަކީ ރައްޔިތުންނާ ގުޅުން ހުރި ގިނަ ގުނަ މަޝަރޫޢުތަކެއް ހިންގެވި ތަޖުރިބާ ހުރި ޢިލްމީ ބޭފުޅެއް. އެމަނިކުފާނު މާލެ ސިޓީގެ މޭޔަރަކަށް ހޮވިވަޑައިގެންފި ނަމަ މާލޭ ސިޓީއާއި އެ ސިޓީގެ ރައްޔިތުންގެ މުސްތަޤުބަލަށް އުޖާލާކަން އަންނާނެކަމާމެދު ކުޑަވެސް ޝައްކެއް ނުކުރަން.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
މުއިއްޒާއި ދެކޮޅަށް ކުރަމުންދާ އެންޓި ކެންޕެއިނާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީއަކީ އަތްލެވޭ ތަރައްޤީއަށް ތާއީދު ކުރާބައެއް ނޫންކަމަށެވެ. އެމްޑީޕީއަކީ އަބަދުވެސް ސިޔާސީ ގޮތުން ހުސް ވާހަކަ ދެއްކުމަށް މަރުހަބާ ކިޔާ ޕާޓީއެއް ކަމަށާއި، ތަރައްޤީގެ ކަންކަން ކުރުމަކީ އެމްޑީޕީން ދަންނަ ކަމެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެމްޑީޕީ އަކީ ހޮޅު އަށިގައި ވާހަކަ ދައްކަން ވަރަށް މޮޅު ޕާޓީއެއް. ކަންކަން ތަންފީޒު ކުރަންވީމަ ނިކަން ފަހަތުފަޔަށް ބުރަވާނެ. އަތްލެވޭ ތަރައްޤީއަކީ އެމްޑީޕީ ދަންނަ އެއްޗެއްނޫން. އެމްޑީޕީގެ ކެންޑިޑޭޓުން މިސާލަކަށް ބަލަންވީ މާލެ ސިޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ޑރ.މުއިއްޒަށް.
– ޝިޔާމް ވިދާޅުވިއެވެ.
މުއިއްޒުގެ ޚިދުމަތާއި ގުޅޭގޮތުން ސުވާލު އުފައްދަވާ ބޭފުޅުންނަށް ރައްދު ދެއްވަމުން ހުޅުމާލެ ދާއިރާއަށް އިިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ އެކި ނަންނަމުގައި ތަރައްޤީ މާނަކޮށް ރައްޔިތުންނަށް އޮޅުވާލަމުންދިޔަ ބަޔަކަށް ގެނެސްދެވޭނެ ތަރައްޤީއެއް ނޯންނާނެކަމަށެވެ. މާލޭގެ ރައްޔިތުންނަކީ އަބަދު ދައްކާހާ ކޮންމެ ވާހަކައެއް ހެޔޮކަމަށް ދެކޭނެ ބައެއް ނޫންކަން މިފަހަރު ހާމަކޮށްދެއްވާނެކަމަށް ޝުޖާ ވިދާޅުވިއެވެ.
ތަރައްޤީ އަކީ ޕެންޑޯލް ގުޅައެކޭ ބުނެ ރައްޔިތުންނަށް އޮޅުވާލި ޕާޓީގެ ކެންޑިޑޭޓަކަށް، ކޮން ތަރައްޤީއެއްތޯ ހޯދަ ދެއްވޭނީ؟ މާލެ ސިޓީ ރައްޔިތުންނަކީ ޤަމާރު ބައެއް ކަމަށް ދެއްކުމަށް އެމްޑީޕީން ކުރާ މަސައްކަތް މިފަހަރު ކާމިޔާބެއް ނުވާނެ.
– ޝުޖާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ