މާލީ އަދި ރާއްޖެއަށް ކުރި އަގުބޮޑު ދަތުރުގެ ތުހުމަތުތަކާ ހެދި ފަރާޖް އިނގިރޭސި މަޖިލީހުން އިސްތިއުފާ ދެއްވައިފި

މާލީ އަދި ރާއްޖެއަށް ކުރި އަގުބޮޑު ދަތުރުގެ ތުހުމަތުތަކާ ހެދި ފަރާޖް އިނގިރޭސި މަޖިލީހުން އިސްތިއުފާ ދެއްވައިފި

Author
އަހުމަދު
08 ޖުލައި 2026 01:42
0

 

އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް، އޭނާގެ މާލީ މުއާމަލާތްތަކާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ ހެދި، ކްލެކްޓަން ދާއިރާގެ ބަރުލަމާނީ ގޮނޑިން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ފަރާޖް އިސްތިއުފާ ދެއްވީ، މަޖިލީހުގެ މެންބަރަކަށް ވުމުގެ ކުރިންނާއި ފަހުން ލިބުނު ބޮޑެތި ހަދިޔާތަކާއި، އޭނާގެ ބައެއް ދަތުރުފުޅުތަކުގެ ހަރަދުތައް ރެޖިސްޓްރީގައި ހާމަނުކުރި މައްސަލައިގައި ޕާލިމަންޓްގެ ސްޓޭންޑާޑްސް ކޮމިޝަނަރު ތަހުގީގު ހިންގަމުންދާ ދަނޑިވަޅެއްގަ އެވެ. މި ތުހުމަތުތަކުގެ ތެރޭގައި، ކްރިޕްޓޯ ބިލިއަނަރު ކްރިސްޓޮފާ ހާބޯންގެ ފަރާތުން ލިބުނު 5 މިލިއަން ފައުންޑް (6.7 މިލިއަން ޑޮލަރު) ގެ ހަދިޔާ ހާމަނުކުރި މައްސަލަ ހިމެނެ އެވެ. އަދި ކުރިން މާލީ ކުށްތަކެއް ސާބިތުވެފައިވާ، ފަރާޖްގެ ގާތް އެކުވެރިއެއް ކަމަށްވާ ޖޯޖް ކޮޓްރެލް، އޭނާގެ ސެކިއުރިޓީއަށާއި ސްޓާފުންނަށް ކުރި ހަރަދުތަކާއި، ލަންޑަނުން ގެއެއް ބޭނުންކުރަން ދިން ކަމުގެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.

ރާއްޖެއަށް ފެބްރުއަރީ މަހު ފަރާޖް ކުރެއްވި ކުއްލި ދަތުރުގެ މައްސަލަ ވެސް ވަނީ ބޮޑަށް ހޫނުވެފަ އެވެ. އަގުބޮޑު ޕްރައިވެޓް ޖެޓެއްގައި އޭނާ ކުރެއްވި މި ދަތުރުގެ ހަރަދު ރެޖިސްޓްރީގައި ފުރަތަމަ ހާމަކުރިއިރު އޮޅުވާލާފައިވާ ކަމަށް އިދިކޮޅު ލޭބާ ޕާޓީން ތުހުމަތުކުރި އެވެ. ދަތުރުގެ އަގުގެ ގޮތުގައި ފުރަތަމަ 12,500 ފައުންޑް ޖެހުމަށް ފަހު، ފަހުން ވަނީ އެ އަދަދު ދެގުނަ މަތިކޮށްފަ އެވެ. ރާއްޖެ މަގުން ކަނޑުބޯޓެއްގައި ޗާގޯސް ޖަޒީރާއަށް ދިއުމަށް ފަރާޖް ކުރެއްވި މި ދަތުރު، އިނގިރޭސި ސިޔާސީ މަސްރަހުގައި ސިފަކުރީ އަމިއްލަ ސިޔާސީ މަންފާއަށް ޖެއްސި "މުޑުދާރު ސްޓަންޓެއް" ގެ ގޮތުގަ އެވެ. އެ ދަތުރުގައި، ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރުގެ ނުފޫޒުގައި އޭނާ ޗާގޯސްއަށް ދިޔަނުދީ ހުރަސްއެޅި ކަމަށް ފަރާޖް ތުހުމަތުކުރި ނަމަވެސް، އެކަމުގައި ރާއްޖޭގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެ ދިވެހި ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އިސްތިއުފާ ދެއްވި ނަމަވެސް ފަރާޖް ވިދާޅުވީ، މިއީ "އާންމު ރައްޔިތުންނާއި ނުފޫޒުގަދަ ބާރުވެރިން" ގެ މެދުގައި ކުރެވޭ ހަނގުރާމައެއް ކަމަށާއި، އޭނާ އެއްވެސް ގާނޫނަކާ ޚިލާފުވެފައި ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ބައި-އިލެކްޝަނުގައި އަލުން އެ ގޮނޑިއަށް ވާދަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެ އިންތިޚާބު ކާމިޔާބުކޮށް އަލުން މަޖިލީހަށް ވަޑައިގަތަސް، މާލީ މައްސަލަތަކުގެ ބަރުލަމާނީ ތަހުގީގު ހަމަ އެ ވަގުތުން ފެށިގެން ކުރިއަށްދާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.