ވޯލްޑް ކަޕް 2026: ފަހަތުން އަރައި މިސްރު ބަލިކޮށް އާޖެންޓީނާ ކުއާޓާއަށް

ވޯލްޑް ކަޕް 2026: ފަހަތުން އަރައި މިސްރު ބަލިކޮށް އާޖެންޓީނާ ކުއާޓާއަށް

Author
އަހުމަދު
08 ޖުލައި 2026 01:36
0

ދެ ލަނޑުގެ ފަހަތުގައި އޮވެފައި ފަހު 11 މިނެޓްގައި ތިން ލަނޑު ޖަހައި، ޗެމްޕިއަން އާޖެންޓީނާއިން 3-2 އިން މިސްރު ބަލިކޮށް ވޯލްޑްކަޕުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ މި ހިސާބަށް އަލަށް ދަތުރުކުރި މިސްރު ކައިރިން އާޖެންޓީނާއަށް ފަސޭހަ މޮޅެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް، މެޗު ފެށިގެން ފުރަތަމަ ލީޑު ނެގީ މިސްރުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޔާސިރް އިބްރާހިމް އެވެ.

އޭގެ ފަހުން ކުޑަ އިރުކޮޅެއްގެ ތެރޭގައި އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ލައިނަލް މެސީ ފޮނުވާލި ޕެނަލްޓީ މިސްރުގެ ކީޕަރު ޝުބައިރު ވަނީ ހުޝިޔާރުކަމާއެކު ސަލާމަތްކޮށްފަ އެވެ. ފުރަތަމަ ހާފުގައި އެކަނިވެސް ޝުބައިރު ވަނީ ތިން ގޯލެއް ސަލާމަތްކޮށްފަ އެވެ.

މިސްރު ކުރީގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފުގައި ވެސް ފުރަތަމަ ލަނޑު ޖެހީ އެ ޓީމުންނެވެ. ކެޕްޓަން ސަލާހާއި އަރިމަތިން ކުޅުނު ހަސަންގެ މަސައްކަތުން ޒީކޯ ޖެހި މި ލަނޑު ވީއޭއާރުން ބެލުމަށް ފަހު ކެންސަލްކުރީ، އާޖެންޓީނާގެ ހާފު ތެރެއިން މިސްރުގެ ކުޅުންތެރިޔަކު ފައުލެއް ކުރި ކަމަށް ނިންމައިގެންނެވެ.

ހިތްވަރު ދޫނުކޮށް މިސްރުން އަނެއްކާ ވެސް ދެވަނަ ލަނޑެއް ޖެހި އެވެ. ސަލާހާއި ހަސަންގެ މޮޅު ކުޅުމުން އުފެއްދި މި ލަނޑު ވެސް ގޯލުގެ ތެރެއަށް ވައްދާލީ ޒީކޯ އެވެ. މުޅި މެޗުގައި ޒީކޯ ދެ ލަނޑު ޖެހި ނަމަވެސް، އޭގެ ތެރެއިން އެއް ލަނޑު ވަނީ ކެންސަލްކޮށްފަ އެވެ.

މިސްރު 2-0 އިން ކުރީގައި އޮވެ، އާޖެންޓީނާ މުބާރާތުން ކަޓުވާލުމާ 10 ވަރަކަށް މިނެޓަށް ގާތްވެފައި ވަނިކޮށް، މެޗުގެ ފަހު 11 މިނެޓްގައި އާޖެންޓީނާއިން ތިން ލަނޑު ޖަހައި ނަތީޖާ މުޅިން އަނބުރާލި އެވެ. ފުރަތަމަ ލަނޑަކީ މެސީ ނަގައިދިން ހުރަހަކުން ޑިފެންޑަރު ރަމޭރޯ ބޮލުން ޖަހައި ވެއްދި ލަނޑެކެވެ. ނަތީޖާ ހަމަހަމަކުރީ މެސީ އެވެ. އަދި މޮޅުވި ލަނޑު ޖަހައިދިނީ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އެވެ. މި މުބާރާތުގައި މެސީ މިހާރު ވަނީ 8 ލަނޑު ޖަހައިފަ އެވެ.

މި މޮޅާއެކު ކުއާޓާ ފައިނަލުން ޖާގަ ހޯދި އާޖެންޓީނާ ދެން ބައްދަލުކުރަން ޖެހޭނީ ސުވިޓްޒަލޭންޑާއި ކޮލަމްބިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.