މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ފްރާންސްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް މައިކަލް އޮލީސޭއަށް ދެއްކި ރީނދޫ ކާޑު ބާތިލްކޮށްދިނުމަށް އެދި ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ފީފާއަށް ރަސްމީކޮށް ހުށަހަޅައިފިއެވެ.
މުބާރާތުގެ ގަދަ 16 ގައި ޕެރެގުއާއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އޮލީސޭއަށް ރީނދޫ ކާޑެއް ދައްކާފައިވަނީ ޕެރެގުއޭގެ ކުޅުންތެރިޔާ މަތިއަސް ގަލާޒާއާ ދެމެދު ހިނގި ކުޑަ ކުރިމަތިލުމަކާ ގުޅިގެންނެވެ. ރިޕްލޭތަކުން ފެންނަ ގޮތުގައި އޮލީސޭ ވަނީ ގަލާޒާގެ ޖާޒީގައި ހިފަހައްޓާފައެވެ. ނަމަވެސް ގަލާޒާ ވެއްޓިފައިވަނީ މޫނުމަތީގައި އަތްއަޅައިގެންނެވެ.
މި ކާޑުގެ ސަބަބުން ފްރާންސަށް ވަނީ ބޮޑު ކަންބޮޑުވުމަކާ ކުރިމަތިލާން ޖެހިފައެވެ. ސަބަބަކީ، ކުރިއަށް އޮތް ކުއާޓާ ފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުގައި އޮލީސޭއަށް އިތުރު ރީނދޫ ކާޑެއް ލިބިއްޖެނަމަ، ފްރާންސް ސެމީ ފައިނަލަށް ދަތުރުކުރި ނަމަވެސް އޭނާއަށް ސެމީ ފައިނަލް މެޗު ގެއްލޭނެތީއެވެ.
ފްރާންސުން ފީފާއަށް މި މައްސަލަ ހުށަހަޅާފައި މިވަނީ، މުބާރާތުގައި ދާދި ފަހުން ހިނގައިދިޔަ އެހެން ހާދިސާއަކާ ގުޅިގެން ފީފާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، އެމެރިކާއިން ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމެރިކާގެ ބަލޮގަންއަށް ދެއްކި ރަތްކާޑަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަތުމަކަށް ފީފާއިން ވަނީ އެ އަދަބަށް ލުއިތަކެއް ދީފައެވެ. ކުޅިވަރުގެ މާހިރުން ދެކޭ ގޮތުގައި ފްރާންސުން އޮލީސޭގެ ކާޑު އެޕީލްކުރަން ނިންމީ، އެމެރިކާއަށް ފީފާއިން ދިން ޚާއްސަ ލުޔާ ގުޅިގެން އެފަދަ ފުރުސަތެއް ފްރާންސަށް ވެސް އޮންނާނެކަމަށް ގަބޫލުކުރެވޭތީއެވެ.
ކޮމެންޓު ފޮނުވާ