އާރްޓީއެލް ފެރީތަކަށް ދިމާވަމުންދާ ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސީދާ ޖަވާބެއް ނުދެއްވައިފިއެވެ.
ޓެކްނިކަލް މައްސަލަތަކާ ހުރެ އާރްޓީއެލްގެ ފެރީތައް ކެންސަލްވުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ކޮންމެ ދުވަހަކު ފެރީގެ ހިދުމަތް ލިބެމުންދިޔަ ރަށްރަށަށް މިހާރު ފެރީ އޮންނަނީ ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ކަމުގެ ޝަކުވާ އާންމުންގެ ތެރޭގައި ވަނީ ބޮޑުވެފައެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅިގެން ކަނޑިތީމު ދާއިރާގެ ޕީއެންސީ މެންބަރު އަމީން ފައިސަލް ވަނީ، ފެރީތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ހިދުމަތް ފެށޭނީ ކޮން އިރަކުތޯ މިނިސްޓަރާ ސުވާލުކުރައްވާފައެވެ. ނަމަވެސް މިނިސްޓަރު ސައީދު އެ ސުވާލަށް ޖަވާބުދެއްވުމުގެ ބަދަލުގައި ދެއްކެވީ އާރްޓީއެލްގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ވާހަކައެވެ. މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން، ހިދުމަތް ނުދެވި އޮތް ފަސް އަތޮޅާއެކު މުޅި ރާއްޖެއަށް އާރްޓީއެލް ފުޅާކުރެވޭނެ ކަމަށެވެ.
ކުރި ސުވާލަށް ސީދާ ޖަވާބެއް ނުލިބުމުން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ވަނީ ފެރީތައް ކެންސަލްވުމަށް އޮތް ހައްލަކީ ކޮބައިތޯ އައްސަވައި، އެ ސުވާލު އަލުން ތަކުރާރު ކުރައްވާފައެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށްވެސް މިނިސްޓަރު ސައީދު ޖަވާބެއްގެ ގޮތުގައި ދެއްކެވީ 2027 ވަނަ އަހަރުގެ ޖެނުއަރީގެ ކުރިން ހިދުމަތް ފުޅާކުރާނެ ވާހަކައެވެ. އާރްޓީއެލްއާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ޖަވާބު ނުދެއްވައި އެހެން ވާހަކަތަކެއް ދެއްކެވުމުން އިދިކޮޅު މެންބަރުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް މަޖިލީހުގައި އަޑުގަދަކޮށްފައެވެ.
ކޮމެންޓު ފޮނުވާ