ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ އެއްގަމު ދަތުރުފަތުރާ (ލޭންޑް ޓްރާންސްޕޯޓާ) ގުޅޭ ހުރިހާ ހިދުމަތްތަކެއް އަންނަ އޮގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ޑިޖިޓަލައިޒްކޮށް ނިންމުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިހާރު ބޭނުންކުރާ ނިޒާމަށްވުރެ މާ ފުރިހަމަ އަދި ޒަމާނީ ފުލް ޑިޖިޓަލް ސިސްޓަމެއް ސަރުކާރުގެ "ވަން ގަވް" ނެޓްވޯކް މެދުވެރިކޮށް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި ބަދަލާއެކު މިހާރު ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ދިމާވަމުންދާ ގިނަ ދަތިތަކަކަށް ހައްލެއް ލިބިގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
ވަން ގަވްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތްތައް އަންނަ މަހުގެ ނިޔަލަށް ނިންމާލުމަށް އަމާޒު ހިފާފައިވާއިރު، މިކަން ރަސްމީކޮށް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާނުކުރާނީ ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއްގެ އެންޑޯސްމެންޓް ލިބުމުންކަމަށްވެސް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ