ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރުގެ ތާށިކަމުގެ މައިގަނޑު ސަބަބަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ގާނޫނު ސަސްޕެންޑްކޮށް ގިނަ އަދަދަކަށް ފައިސާ ޗާޕުކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، 19 ވަނަ މަޖިލީހުގެ ތެރެއިން 8 ބިލިއަން ރުފިޔާ ޗާޕުކޮށް ބާޒާރަށް ނެރެފައިވަނީ އެއްވެސް ޓްރާންސްޕޭރެންސީއެއް (ހާމަކަން ބޮޑު ގޮތެއް) ނެތި ކަމަށެވެ. މީގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި، ޑޮލަރުގެ މައްސަލަ އިންތިހާއަށް ގޯސްވެގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު ފެންނަމުން ދަނީ އޭގެ ނަތީޖާ ކަމަށްވެސް ވިދާޅުވިއެވެ.
ފައިސާ ޗާޕުނުކުރުމަށް ވޯލްޑް ބޭންކާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން އޭރުވެސް އިންޒާރު ދެމުންދިޔަކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އޭރު އުފެދުނު ޑިމޮކްރެޓްސް ފެކްޝަނުންވެސް ކޮރަޕްޝަނަށް މަގުފަހިވާނެތީ އެކަމާ ދެކޮޅު ހެދި ކަމަށެވެ.
މީގެ އިތުރުން، ރައީސް ނަޝީދުގެ ވެރިކަމުގައި ޑޮލަރުގެ ރޭޓު 10 ރުފިޔާއާއި 15 ރުފިޔާއާ ދެމެދުގައި ހިފެހެއްޓުމަށް ގެނައި ބަދަލުގެ ނޭދެވޭ އަސަރުތައްވެސް އަދިވެސް އިހުސާސްކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިހާރު އޮތް އިގްތިސާދީ ގޮންޖެހުންތަކުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ކުރީގެ ސަރުކާރުތަކުން ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ