ޣައްޒާ އަލުން އާބާދުކުރުމުގެ މަސައްކަތް ފެށޭނީ އެ ސަރަހައްދުގައި ހުރި އަސްކަރީ އުމްރާނީ ވަސީލަތްތައް ނައްތާލައި، ހަނގުރާމަވެރިންގެ އަތުން ހަތިޔާރުތައް އަތުލުމަށްފަހު ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
އާދީއްތަ ދުވަހު ވާހަކަދައްކަމުން ނަތަންޔާހޫ ބުނެފައިވަނީ، ޣައްޒާގެ ރައްޔިތުންގެ ފަރާތުން އިސްރާއީލަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނަމަ، އެ ސަރަހައްދުގައި ދިރިއުޅުމުގެ ނުވަތަ އެތަން ދޫކޮށް ދިއުމުގެ އިޚުތިޔާރު އެމީހުންނަށް އޮންނާނެ ކަމަށެވެ. އަދި އިސްރާއީލުން ޣައްޒާގައި ގާއިމުކޮށްފައިވާ "ބަފަރ ޒޯން" ގެ ސަބަބުން ސަލާމަތީ ގޮތުން އޮތް ނުރައްކާތައް ކުޑަވެ، އިސްރާއީލުގެ ބޯޑަރު ސަރަހައްދުގައި ވަޒަންވެރިވުމަށް އެދޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން ނަތަންޔާހޫ ވަނީ، ލުބުނާނުގައި ހިޒްބުﷲ އިން ހަދާފައިވާ ބިންގަރާސްތަކާ ދެކޮޅަށް ފިޔަވަޅު ނޭޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފައި ނުވާކަންވެސް ހާމަކޮށްފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއިން ދިން ހަމަލާއާ ގުޅިގެން ފެށުނު މި ހަނގުރާމައަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޣައްޒާ މިހާރު އޮތީ ވަރަށް ބޮޑު އިންސާނީ ކާރިސާއެއްގެ ތެރޭގައެވެ. މި ހަމަނުޖެހުންތަކުގެ ތެރެއަށް ލުބުނާނުގެ ހިޒްބުﷲ އާއި ޔަމަނުގެ ހޫޘީންގެ އިތުރުން އީރާނުންވެސް ސީދާގޮތެއްގައި ވަދެފައިވާއިރު، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވެވުނު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމަށްފަހުވެސް، ހަނގުރާމަ ދާއިމީކޮށް ނިންމުމަށް ކުރެވޭ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ.
ކޮމެންޓު ފޮނުވާ