ބިންހެލުން އަންނާނެކަން ކުރިއާލައި ލަފާ ނުކުރެވޭނެކަމަށް: މެޓް އޮފީސް

ބިންހެލުން އަންނާނެކަން ކުރިއާލައި ލަފާ ނުކުރެވޭނެކަމަށް: މެޓް އޮފީސް

Author
އަހުމަދު
05 ޖުލައި 2026 08:16
0

ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތެއް ނޯންނާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން މިކަން ހާމަކޮށްފައިވަނީ، ރާއްޖެއާ ކައިރީގައި އޮންނަ އިންޑިއާ ކަނޑުގެ ކާލްސްބާގު ރިޖަށް 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެދާނެކަމަށާއި އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ކޮށްފާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެކަމާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިންހެލުން އަންނާނެ ސީދާ ތާރީޚާއި، ގަޑި އަދި ތަން ކުރިއާލައި ދެނެގަނެވޭނެ އިލްމީ ވަސީލަތެއް ދުނިޔޭގައި އަދި އުފެދިފައި ނެތް ކަމަށެވެ. އެހެންނަމަވެސް، ކުރީގެ ތަފާސްހިސާބުތަކަށް ބަލައި، ބިންހެލުން އައުމުގެ ފުރުސަތު ބޮޑު ސަރަހައްދުތައް ސައިންސްވެރިންނަށް ލަފާކުރެވިދާނެކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ބިންހެލުންތަކާ ގުޅޭ އެންމެހާ ކަންކަން އެ އިދާރާއިން އަބަދުވެސް ވަރަށް ގާތުން މޮނިޓަރ ކުރަމުންދާކަން ފާހަގަކޮށް މެޓުން ބުނީ، ރާއްޖެއަށް ނުރައްކާވެދާނެ ފަދަ ބިންހެލުމެއްގެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މައުލޫމާތު ވަގުތުން ރައްޔިތުންނާ ހިއްސާކުރާނެ ކަމަށެވެ. އަދި ބިންހެލުންތައް ކުރިއާލައި އެނގޭނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކަށް ސަމާލުވެ، އެފަދަ މައުލޫމާތުތައް ގަބޫލުނުކުރުމަށް މެޓް އޮފީހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.