ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ތައާރަފްކުރި "އެފްއެކްސް އިންވެސްޓްމަންޓް" އަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓަޖީ މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، މި އިންވެސްޓްމަންޓް އެންމެ ފުރަތަމަ ހުޅުވާލި ތިން ގަޑިއިރުގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ޑޮލަރުގެ މުއާމަލާތްތަކެއް ވަނީ ހިނގާފައެވެ. މީގެ ސަބަބުން ޖެހިގެން އައި ދުވަހު އާންމުންނަށް އީކޮމާސް މުއާމަލާތްތައް ފުރިހަމަކުރުމަށް މަގުފަހިވެގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. ސައީދު ވިދާޅުވީ މިއީ މުޅި މުޖުތަމައަށް އޭގެ މަންފާކުރާނެ ކަމެއް ކަމަށާއި، އިންވެސްޓްކުރާ ފަރާތްތަކަށް 25 އިންސައްތައާ ހަމައަށް ފައިދާ ލިބޭއިރު، ބޭންކަށް ލިބޭ ޑޮލަރު އީކޮމާސް ސައިޓުތަކުން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރެވޭނެ ކަމަށެވެ. އަދި ޗާޖެއް ނެގި ނަމަވެސް، ކަސްޓަމަރުން ބޭނުންވާ މުދާ ގެނައުމުގެ މަގު މީގެ ސަބަބުން ތަނަވަސްވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި އިންވެސްޓްމަންޓް ފަރުމާކޮށްފައިވަނީ ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވަރަށް ފަސޭހައިން އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށެވެ. ކަސްޓަމަރުން އިންވެސްޓްކުރާ ޑޮލަރަށްވާ ދިވެހި ރުފިޔާ ވަގުތުން އެކައުންޓަށް ޖަމާވާއިރު، އިންވެސްޓްމަންޓުން ލިބޭ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އެކި މިންވަރަށް ފައިދާ ލިބޭ ގޮތަށް ތަފާތު ޕޫލްތަކެއް ހިމެނޭ މި ސްކީމަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މަންފާ ހޯދޭނެ ގޮތަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
ކޮމެންޓު ފޮނުވާ